
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑް ހެދުމުގެ ޚިދުމަތް ޤާއިމްކޮށް ނިންމައިފި
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑް ހެދުމުގެ ޚިދުމަތް ޤާއިމްކޮށް ނިންމައިފިއެވެ. ސަރުކާރުގެ ވައުދެއްގެ ގޮތުގައި ފެށި މިމަސައްކަތުގެ ދަށުން އެންމެ ފަހުން ޚިދުމަޔް ފެށީ ވ.އަތޮޅުގައެވެ.
ވ.އަތޮޅު ވެރިކަން ކުރާރަށް ފެލިދޫގައި ޚިދުމަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރޭ ފެލިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވެވި ރަސްމިއްޔާތުގައެވެ. އެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކަނޑައަޅުއްވާފައިވާ އަމާޒާ އެއްގޮތަށް، މިއަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް އައި.ޑީ ކާޑުގެ ޚިދުމަތް ޤާއިމުވެގެންދިއައީ ކަމަށެވެ.
މިފަދަ ޚިދުމަތްތައް ލާމަރުކަޒުކުރެއްވުމުގެ މަޤްޞަދަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުގެ މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން އަސާސީ ޚިދުމަތްތަކަށް މާލެއަށް ބަރޯސާވާން ޖެހޭ ޖެހުން ނިމުމަކަށް ގެނައުން ކަމަށެވެ.
ރަށްރަށުގައި އޭ.ޓީ.އެމް ޤާއިމުކުރުމުގެ މަސައްކަތާ ގުޅުވައިގެން އެމަނިކުފާނަށް މަލާމާތް ރައްދުވަމުންދާކަން އެނގިވަޑައިގަންނަވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެފަދަ އަސާސީ ޚިދުމަތްތައް މަރުކަޒުވެފައި ހުރުމުން ރައްޔިތުން އުފުލަންޖެހުނު ތަކުލީފާއި، އެ ޚިދުމަތްތައް ލާމަރުކަޒުކުރުމުން ލިބޭ ލުއިފަސޭހަކަން އެނގިވަޑައިގަންނަވާކަމަށެވެ. އެހެންކަމުން، އެފަދަ ޚިދުމަތްތައް ފޯރުކޮށްދެއްވުމަކީ ލިބިވަޑައިގަންނަވާ ފަޚުރެއް ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ ލުއިފަސޭހައަށް ކުރާ ކަންކަމުގެ މަންފާ ރައްޔިތުންނަށް ލިބުނަ ނުދޭން، ސިޔާސީ ބޭނުމެއްގައި، ރާވައިގެން، ގަސްދުގައި ރައްޔިތުންނަށް ދެރަ ދިނުމަށް ކުރާ ކަންކަން ކާމިޔާބުވިޔަ ނުދެއްވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. ގަސްދުގައި ރައްޔިތުންނަށް ދެރަ ދިނުމަށް ކަންކަން ކުރަމުންދާއިރު، މި ސަރުކާރުން ލޯމަރައިގެން ނުތިބޭނޭ ކަމަށާއި، ސިޔާސީ ބޭނުމެއްގައި ތަކެތީގެ އަގުބޮޑުކުރުމަށް ދެން ފުރުޞަތު ނުދެއްވާނޭކަމަށްވެސް ވިދާޅުވިއެވެ.
ރިއެކްޝަންސް






