އޮސްޓްރޭލިއާގެ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށް ޚާއްޞަ ހަރަކާތެއް ބާއްވައިފި

އޮސްޓްރޭލިއާގެ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށް ޚާއްޞަ ހަރަކާތެއް ބާއްވައިފި

51 minutes ago - 08:19
Advertisement
Advertisement

އޮސްޓްރޭލިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށްޓަކައި، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއާއި ވިޒިޓް މޯލްޑިވްސް ގުޅިގެން އޮސްޓްރޭލިއާގެ މެލްބަންގައި ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފިއެވެ.


މި ހަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 16 އިން 17 އަށް މެލްބަންގައި ބޭއްވި "ލަކްޝަރީ އެސްކޭޕްސް ލައިވް 2024" އެގްޒެބިޝަންގެ ތެރެއިންނެވެ. މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ އޮސްޓްރޭލިއާގެ މާކެޓުގައި ރާއްޖެއަކީ މަތީ ފަންތީގެ ލަގްޒަރީ އަދި ހަނީމޫން މަންޒިލެއްގެ ގޮތުގައި އިތުރަށް ހަރުދަނާކޮށް އިޝްތިހާރު ކުރުމެވެ.


މީގެއިތުރުން، މޯލްޑިވިއަންއިން އަލަށް ފެށުމަށް ހަމަޖެހިފައިވާ މެލްބަން-މާލެ ޗާޓަރ ދަތުރުތައް އިޝްތިހާރުކޮށް، ދެ ޤައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ފަސޭހަކަން އިތުރުކުރުމަކީވެސް މި ހަރަކާތުގެ މުހިންމު ބޭނުމެކެވެ. މީގެ ސަބަބުން އޮސްޓްރޭލިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.


މި ދަތުރުގެ ތެރެއިން، ވިޒިޓް މޯލްޑިވްސްއާއި ލަކްޝަރީ އެސްކޭޕްސްއާ ދެމެދު ގުޅުން ބަދަހިކުރުމުގެ ގޮތުން މިމަހުގެ 16 ވަނަ ދުވަހު މެލްބަންގައި ހުންނަ އެ ކުންފުނީގެ ހެޑް އޮފީހުގައި ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އޮސްޓްރޭލިއާގެ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި ދެފަރާތުގެ ގުޅުން އިތުރުކުރުމަށް ވަނީ ނިންމާފައެވެ.


މި ހަރަކާތުގެ ތެރެއިން ވިޒިޓް މޯލްޑިވްސްގެ އިސް ބޭފުޅުން ވަނީ ލަކްޝަރީ އެސްކޭޕްސްގެ ސީއީއޯ އެޑަމް ޝްވާބްއާ ބައްދަލުކުރައްވައި، ދާއިރާގެ މުހިންމު ފަރާތްތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.


ލަކްޝަރީ އެސްކޭޕްސް ލައިވްގައި ގާއިމުކޮށްފައިވާ "ޑިސްކަވަރ މޯލްޑިވްސް" ސްޓޯލުން ރާއްޖޭގެ ރީތި މަންޒަރުތަކާއި، ފަތުރުވެރިކަމުގެ އެންމެ ފަހުގެ މަޢުލޫމާތާއި، ޚާއްސަ ޓްރެވެލް އޮފާތައް އެގްޒެބިޝަނަށް ޒިޔާރަތްކުރި ފަރާތްތަކަށް ވަނީ ފޯރުކޮށްދީފައެވެ. މި ސްޓޯލް މެދުވެރިކޮށް ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކުން ފެށިގެން އާއިލީ ޗުއްޓީތަކާ ބެހޭ ގިނަ މަޢުލޫމާތުތަކެއް ވަނީ ފޯރުކޮށްދީފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement