ހުއިފިލަނޑާ އެކްސްޕޯޓްކުރާ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކުރުމަށް މަޝްވަރާކޮށްފި

ހުއިފިލަނޑާ އެކްސްޕޯޓްކުރާ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކުރުމަށް މަޝްވަރާކޮށްފި

4 hours ago - 12:27
Advertisement
Advertisement

ރާއްޖޭގައި ހުއިފިލަނޑާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ދިމާވެފައިވާ އެކި ދަތިތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމަށްޓަކައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އެ ފަރާތްތަކާ އެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.


އިއްޔެ މަސްވެރިކަމާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ވަޒީރު އަޙްމަދު ޝިޔާމްގެ އިތުރުން، ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބާއި، ސްޓޭޓް މިނިސްޓަރު އައިމިނަތު ހުސައިން ޝަރީފް އަދި އެ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ރާއްޖޭގައި ހުއިފިލަނޑާގެ މަސްވެރިކަމާއި އެކްސްޕޯޓް ކުރުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ އިސް ބޭފުޅުން ވަނީ ބައިވެރިވެ، ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހިއްސާކުރައްވާފައެވެ.


މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ހުއިފިލަނޑާގެ ވިޔަފާރީގެ މުޢާމަލާތްތަކުގައި ހުރި ދަތިތައް ހައްލުކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމެވެ. މީގެ އިތުރުން، ހުއިފިލަނޑާގެ މަސްވެރިކަން ބެލެހެއްޓުމަށް މިހާރު ކަނޑައަޅާފައިވާ އުސޫލުތައް މިހާރަށްވުރެ ހަރުދަނާކަމާއެކު ތަންފީޒުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.


މި ބައްދަލުވުމުގައި އެންމެ ހާއްސަ ސަމާލުކަމެއް ދެވުނު އެއް ކަމަކީ ބައިނަލްއަޤްވާމީ 'ސައިޓީސް'  މުއާހަދާ ތަންފީޒުކުރުމުގައި މަސްވެރިކަމާ ހުރި ގުޅުމެވެ. މި މުއާހަދާގެ ދަށުން އަމަލުކުރަންޖެހޭ ހަމަތަކާއި، އެކަމުގެ ސަބަބުން އެކްސްޕޯޓް ކުރުމުގައި ދިމާވާ ކަންކަމާ ގުޅޭގޮތުން ވިޔަފާރިވެރިންނާ ހިޔާލު ބަދަލުކުރެވުނެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، މިފަދަ މަޝްވަރާތަކުގެ ސަބަބުން ހުއިފިލަނޑާގެ ސިނާޢަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް ލުއިފަސޭހަ އަދި ދެމެހެއްޓެނިވި މާހައުލެއް ގާއިމުކޮށްދިނުން ކަމުގައި އެ ވުޒާރާއިން ފާހަގަކުރެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement