ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފުރުޞަތު ހުޅުވާލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފުރުޞަތު ހުޅުވާލައިފި

4 hours ago - 12:32

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އޮބްޒާވަރުންނާއި، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ފުރުޞަތު ހުޅުވާލައިފިއެވެ.


އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވާ މި އިންތިޚާބުގެ ވޯޓު ނެގުމާއި ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށާއި މޮނިޓަރ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 3:00 އާ ހަމައަށް ފޯމު ހުށަހެޅޭނެ ކަމަށެވެ. މި ބައި-އިލެކްޝަނުގައި ކޮންމެ ކެންޑިޑޭޓަކަށްވެސް ކޮންމެ ވޯޓުލާ މަރުކަޒަކަށް އެއް މަންދޫބަކު އައްޔަންކުރުމުގެ ފުރުޞަތު ލިބިގެންވެއެވެ.


މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުމާއި، ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ނުވުން ހިމެނެއެވެ. މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފަކަށް ނުވުމާއި، ފަނޑިޔާރަކަށް ނުވަތަ މިނިވަން މުއައްސަސާއެއްގެ ވެރިއަކަށް ނުވުމުގެ އިތުރުން ފުލުހެއް ނުވަތަ ސިފައިންގެ މީހަކަށް ވެގެން ނުވާނެއެވެ. އޮބްޒާވަރުންގެ ގޮތުގައި އަމިއްލަ ގޮތުން ނުވަތަ ޖަމިއްޔާތަކުން ކުރިމަތިލާ ފަރާތްތަކަކީ ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭ ބަޔަކަށް ވެގެން ނުވާނެއެވެ.


މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ރަޖިސްޓަރީކޮށްފައިވާ މީޑިއާ އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. އަދި ހުރިހާ ފަރާތްތަކަކީވެސް ފާއިތުވި 5 އަހަރު ތެރޭގައި އިންތިޚާބީ ކުށެއް ސާބިތުވެފައިވާ ނުވަތަ ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އެޅިފައިވާ ބަޔަކަށް ވެގެން ނުވާނެއެވެ.


ފޯމު ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖެހިފައިވަނީ އޮންލައިން ޕޯޓަލްތައް މެދުވެރިކޮށެވެ. އެގޮތުން ކެންޑިޑޭޓުންގެ މަންދޫބުންނާއި، އަމިއްލަ ފަރާތްތަކުން އަދި ޖަމިއްޔާތަކުން 'މައި ޕޯޓަލް' މެދުވެރިކޮށް ހުށަހަޅަންޖެހޭއިރު، ސިޔާސީ ޕާޓީތަކުން ހުށަހަޅާނީ 'ސިމެދަ ޕޯޓަލް' މެދުވެރިކޮށެވެ. މޮނިޓަރުންގެ ފޯމުތައް ހުށަހަޅާނީ މީޑިއާ އިދާރާތަކުން ކަނޑައަޅާ ޑޭޓާ ލިއޭޒަނެއް މެދުވެރިކޮށް މައި ޕޯޓަލުންނެވެ.


ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ޖުމްލަ 4،114 މީހުންނަށް ލިބިފައިވެއެވެ. މި އިންތިޚާބަށްޓަކައި މާލޭގައި 2 ވޯޓުފޮށި އަދި އައްޑޫ ސިޓީ ހިތަދޫގައި 5 ވޯޓުފޮށި ހިމެނޭހެން ޖުމްލަ 7 ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow