
ކުރީގެ ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުންނަށް މަރުހަބާ ކިޔަން އެމްޑީޕީން ތައްޔާރުވެއްޖެ
ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނާއެކު ދަ ޑިމޮކްރެޓްސްއަށް ދިޔަ މެމްބަރުންނަށް މަރުހަބާ ކިޔަން އެމްޑީޕީން ތައްޔާރުވެއްޖެއެވެ.
ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެނބުރި އެމްޑީޕީއާ ގުޅެން ނިންމުމުން, އެކަމާ ގުޅޭގޮތުން ރޭ އެމްޑީޕީގެ ގައުމީ މަޖިލިހުގައި ކުރިއަށް ގެނދިޔަ ނުރަސްމީ މަޝްވަރާތަކަށްފަހު ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި އެމްޑީޕީން ބުނެފައިވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމެވި ކުރީގެ ރައީސް, ރައީސް މުޙައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ އެންމެހާ މެމްބަރުންނަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ.
އެމްޑީޕީއަކީ ގައުމަށްޓަކައި ހަގީގީ މަސައްކަތްތަކެއް ކުރަން ބޭނުންވާ ކޮންމެ ބަޔަކަށްވެސް ހުޅުވާލެވިފައިވާ ޕާޓީއެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ރައީސް ނަޝީދާއެކު އަލަށް ގުޅިވަޑައިގަންނަވާ ބޭފުޅުންނާއެކު އެމްޑީޕީގެ މަސައްކަތްތައް ބާރަށް ކުރިއަށްދާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
"ސަރުކާރުގެ އަމަލުތައް ފާލުން ނެއްޓި އެތައް ބައެއްގެ ބުރަ މަސައްކަތުން ހޯދި ޑިމޮކްރަސީ ނުރައްކަލެއްގެ ތެރޭގައި އޮތް މި ދަނޑިވަޅަކީ މުހިއްމު އިސްލާހީ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ދަނޑިވަޅެކެވެ. މިޕާޓީއާ ގުޅޭ ކޮންމެ މެމްބަރަކީ ވެސް ގައުމުގެ ހައްގުގައި ވަކާލާތު ކުރަން ފަސްނުޖެހޭނެ މެންބަރުންނެވެ" ބަޔާނުގައި ބުނެފައިވެއެވެ.
ރައީސް ނަޝީދު އާއި އެކު އެމްޑީޕީގެ އިސް ބޭފުޅުންތަކެއް އެޕާޓީ ދޫކުރައްވާ ވަޑައިގަތީ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީއަށްފަހު އެވެ. ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ވަޑައިގެން އެމްޑީޕީއާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ގެއްލުނެވެ.
ނަމަވެސް ރޭ އެމްޑީޕީން ބޭއްވި ނުރަސްމީ ގައުމީ މަޖިލިހުގައި މެމްބަރުންގެ ރޫހު ހުރީ ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުންނަށް މަރުހާ ކިޔުމަށެވެ. ރައީސް ނަޝީދު އެނބުރި އެމްޑީޕީއަށް ވަޑައިގަންނަވާއިރު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފައެވެ.
ރިއެކްޝަންސް






