ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓް އެއް ބިލިޔަނަށްވުރެ މައްޗަށް
މިއަހަރުގެ މިހާތަނަށް ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް ކައުންސިލް ގްރާންޓުގެ ގޮތުގައި 1 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 45.7 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ކައުންސިލްތަކަށް ދޫކޮށްފައިވަނީ 718.2 މިލިޔަން ރުފިޔާއެވެ.
މިއަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލްތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް ދިނުމަށް ބަޖެޓުކޮށްފައިވާ އަހަރެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި ކައުންސިލްތަކުގެ ގްރާންޓުގެ ގޮތުގައި ޖުމްލަ 2.5 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ފާއިތުވި އަހަރުތަކުގެ ހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރު 2.1 ބިލިޔަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، އޭގެ އިތުރަށް 8 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި 2024 ވަނަ އަހަރުވެސް ކައުންސިލްތަކަށް 2.2 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ކައުންސިލްތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ ސިޓީ ކައުންސިލްތަކަށެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް ލިބެނީ މާލޭ ސިޓީ ކައުންސިލަށެވެ. 2020 ވަނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ފައިސާ ދޫކުރަމުންދަނީ ދައުލަތުގެ އާމްދަނީއަށް ބިނާކޮށް ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއްގެ ދަށުން 'ބްލޮކް ގްރާންޓް'ގެ ގޮތުގައެވެ.
މިހާރު އިންތިޚާބުވެފައިވާ އާ ކައުންސިލްތަކާއެކު އަންނަ އެންމެ ބޮޑު ބަދަލަކީ އަތޮޅު ކައުންސިލްތައް އުވިގެން ދިއުމެވެ. މި ބަދަލާއެކު ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ބަޖެޓުން ކުރާ ހޭދަ އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ކުރިއަށް އޮތްތަނުގައި ކައުންސިލްތަކަށް ބަޖެޓު ކަނޑައެޅުމުގައި ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑުމިނަށްވެސް ރިއާޔަތްކުރާ ގޮތަށް އުސޫލު ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ ކައުންސިލްތަކުގެ މާލީ ތަނަވަސްކަން އިތުރުކޮށް، ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.
ރިއެކްޝަންސް

