
ބައެއް ރިސޯރޓްތަކުން މުވައްޒަފުންގެ ސަރވިސް ޗާޖް ރުފިޔާއިން ދޭން ނިންމުމުން ގާސިމްގެ ބޮޑަތި ފާޑުކިއުންތަކެއް
ބައެއް ރިސޯރޓްތަކުން މުވައްޒަފުންގެ ސަރވިސް ޗާޖް ރުފިޔާއިން ދޭން ނިންމުމުން ރިސޯރޓް ހިންގާ ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ބޮޑަތި ފާޑުކިއުންތަކެއް އަމާޒުވެއްޖެއެވެ. ރޭ ވަރަށް ދިގުކޮށް އެކްސްގައި ގާސިމް ވިދާޅުވީ ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ލާޒިމްކުރުން ސަބަބަކަށް ދައްކާ, ބައެއް ބޮޑެތި ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، މިއަންނަ މަހުންފެށިގެން ދިވެހި ފައިސާ އިން ދޭން ނިންމުމަކީ ހައްޤު ނިންމުމެއް ނޫން ކަމަށެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުންކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ފަތުރުވެރީން އަތުން ސާވިސްޗާޖު ނަގަނީ ޑޮލަރުން ކަމަށެވެ.
"އެހެންކަމުގައިވާ ނަމަ އެ ހައްޤު ހަމަ އެގޮތަށް މުއައްޒަފު މީހާއަށް ލިބިދޭން ޖެހޭނީ ޑޮލަރުންނެވެ. ޑޮލަރުން ނޫންގޮތަށް މުއައްޒަފު މީހާ ސާވިސްޗާޖް ލިބުގަތުމަށް އިންކާރުކުރާނަމަ، އެއީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 212 ވަނަ މާއްދާގައި ބަޔާން ކުރާ، މަކަރާއި ޙީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން، ކަމަށް ބެލުމުގެ މައްސަލައަކަށްވުމުގެ ފުރުޞަތު އެބައޮތެވެ." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މީހަކަށް ދޭން ހަވާލުކުރާ އަމާނާތެއް، އެ އޮތް ގޮތަށް އެމީހާއަށް ރައްދުކުރުމަކީ އެ އަމާނާތާއި ހަވާލުވިމީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ، އަދި ޤާނޫނީ ވާޖިބެއް ކަމަށެވެ. އެހެން ކަމުން ޑޮލަރުން ލިބޭ ސާވިސްޗާޖެއް މުއައްޒަފެއްގެ ނުރުހުމުގައި ދިވެހި ރުފިޔާއިން ލިބިގަތުމަށް ދެކޮޅުހެދުމަށް ފަހު އެ މައްސަލަ ޤާނޫނުގައި ވާ ގޮތުގެ މަތީން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުން ނަތީޖާ ސާފުވެގެން ދާނެކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެ, އެފަދަ ހާލަތްތަކުގައި ޝަރީއަތަށް ދިއުމަށް ބާރުއެޅުއްވިއެވެ. އެމަނިކުފާނަކީ އެތަށް ހާސް މުއައްޒަފުން ގެންގުޅޭ ކެޓަގަރީ އޭ ގެ ރިސޯޓުތަކެއް ހިންގާ މީހެއްކަން ފާހަގަކުރައްވާ ވިދާޅުވީ ޑޮލަރު މާރިކުރުމުގައި އޮތް ދަތި އެބޭފުޅުންނަށްވެސް އެބައޮތް ކަމަށެވެ. ނަމަވެސް މިއީ މުއައްޒަފުންގެ ވަރަށް ބޮޑު ހައްޤެއް ކަމުގައިވެފައި، ޤާނޫނުންވެސް އެ ލުއި ރިސޯޓުތަށް ޑޮލަރު މާރުކުރުމުގައި ލިބިދީފައިވާ އިރު، ރިސޯޓުތައް ހިންގުމުގައި ދަތިވާކަމަށް ބުނެ ސާވިސްޗާޖު ދިވެހިރުފިޔާ އިން ދިނުމުން މުއައްޒަފުންނަށް އެދެވެނީ މާބޮޑު ގެއްލުމެއް ކަމަށެވެ.
އަދި ބައެއް އެހެން ކުންފުނިތަކުން މިހާލަތާއި ގުޅިގެން މުސާރަވެސް ދިވެހިރުފިޔާ އިން ދޭން ނިންމަން އުޅޭ ކަމުގެ ޚަބަރަކީ ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ކަމަށް ވިދާޅުވިއެވެ. މުއައްޒިފުންނާއި އެގްރީމަންޓް ކޮށްފައިވާ މުއްދަތުގައި ޑޮލަރުން މުސާރަ ދިނުމަށް އެއްބަސްވެފައިވާނަމަ އެ މުއްދަތުގައި މުސާރަ ދޭން ޖެހޭނީ ޑޮލަރުން ކަމަށް ގާސިމް ވިދާޅުވިއެވެ.
"ފައިސާގެ ޖިންސުބަދަލުކޮށް އެހެންފައިސާ އަކުން ދެވޭނީ އެ މުއައްޒަފުމީހާ އެކަމަށް އިއްތިރާޟް އެއް ނެތް ކަމުގައިވާނަމައެވެ." ގާސިމް ވިދާޅުވިއެވެ.
ޑޮލަރުގެ ވަކި އިންސައްތައެއް ބޭންކްތަކަށް މާރުކުރަންޖެހޭތީ ކަމަށް ބުނެ, ބައެއް ރިސޯރޓްތަކުން މުސާރައިން ސާވިސް ޗާޖް ދޭން ނިންމާ, އެނިންމުން ނިންމެވިކަން ބޮޑަތި ބައެއް ކުންފުނިތަކުން ދާދިފަހުންވެސް ވަނީ އިއުލާނުކޮށްފައެވެ.
ރިއެކްޝަންސް






