ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް މިދިޔަ މަހު 335 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވައިފި
ރާއްޖޭގައި އަލަށް ފެށި ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް މެދުވެރިކޮށް، މިދިޔަ މަހު އެކަނިވެސް 335 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ، ޓްރާންސިޓު ކުރުމަށްފަހު ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވުމަށް ދެވޭ ޚިދުމަތެކެވެ. އެމްޕީއެލްއިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ މަހު 4 އެއަރލައިނެއް މެދުވެރިކޮށް ދުނިޔޭގެ 7 ގައުމަކަށް މުދާ ފޮނުވާފައިވެއެވެ. މިއީ ކޮންޓެއިނަރުގެ އަދަދުން ބަލާނަމަ 65 ޓީއީޔޫސް (TEUs) އެވެ.
މި ޚިދުމަތުގައި މިދިޔަ މަހު ބައިވެރިވި އެއަރލައިންތަކަކީ:
ޤަތަރު އެއަރވޭސް
ޓާކިޝް އެއަރލައިންސް
ސަޢުދިއާ
އެމިރޭޓްސް
ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ފޮނުވި މުދަލުގެ އަދަދު ވަނީ އޭގެ ކުރީ މަހާ (މޭ މަހާ) އަޅާބަލާއިރު %102 އިތުރުވެފައެވެ. މޭ މަހު މި ޚިދުމަތް މެދުވެރިކޮށް ފޮނުވާފައިވަނީ 162 ޓަނުގެ މުދަލެވެ.
2024 ވަނަ އަހަރުގެ މޭ މަހު ރަސްމީކޮށް ފެށި މި ޚިދުމަތަކީ އެމްޕީއެލް އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން ފޯރުކޮށްދޭ ޚިދުމަތެކެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ސަރުކާރުން ފާހަގަކުރާ ގޮތުގައި، ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން ދަތުރުކުރާ މަންޒިލަކަށް ވުމާއެކު، މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ބޮޑު ފުރުޞަތެއް ރާއްޖެއަށް އެބައޮތެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކުން މިފަދަ ޚިދުމަތްތައް މެދުވެރިކޮށް އެޤައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ހޯދަމުންދެއެވެ.
ރިއެކްޝަންސް





