ދެވަނަ ސެމިސްޓާ ފެށުމުގެ ކުރިން ހުރިހާ ސްކޫލެއްގައި އޭސީ ހަރުކޮށް ނިމޭނެ: މިނިސްޓަރ ޝަފީޢު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއް އޭސީ ކުރުމަށް ފަށާފައިވާ "ކޫލް ސްކޫލް" މަޝްރޫޢުގެ 61 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ދިރާސީ އަހަރުގެ ދެވަނަ ސެމިސްޓާގެ ކިޔެވުން ފެށުމުގެ ކުރިން ބާކީ ހުރި ހުރިހާ ސްކޫލެއްގައި އޭސީ ހަރުކޮށް ނިންމާލެވޭނެ ކަމަށެވެ. މި މަޝްރޫޢަކީ ރައީސް ޑރ. މުޢިއްޒު ރާއްޖޭގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި، ކްލާސްރޫމްތަކުގެ ހޫނުމިން ގަދަވުމުގެ ސަބަބުން ދަރިވަރުންނާއި ޓީޗަރުންނަށް ކުރިމަތިވާ ދަތިތަކުގެ ޝަކުވާ ލިބިވަޑައިގަތުމާ ގުޅިގެން ފެއްޓެވި މުހިއްމު މަސައްކަތެކެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ސްކޫލުތަކުގައި އޭސީ ހަރުކުރުމަކީ މަނާކަމެކެވެ. އަދި ޕްރިންސިޕަލަކު އިސްނަންގަވައިގެން އެފަދަ މަސައްކަތެއް ކުރެއްވި ނަމަވެސް، އެކަން އޮންނަނީ ކުށެއްގެ ގޮތުގައި ބެލެވިފައެވެ. ނަމަވެސް މި ސަރުކާރުން އަމާޒު ހިފާފައިވަނީ އުނގަންނައިދިނުމުގެ މާޙައުލަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށެވެ.
"ޖުމްލަ 217 ސްކޫލެއްގައި އަޅުގަނޑުމެން މި މަސައްކަތް ފެއްޓީ. އިރާދަކުރެއްވިއްޔާ މިއަދާ ހަމައަށް 61 ޕަސެންޓް ސްކޫލުގެ މަސައްކަތް މިވަނީ ނިމިފައި. އަޅުގަނޑުމެން މިހާރު މަސައްކަތްކުރަމުން މިދަނީ ބާކީ ހުރި ސްކޫލުތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑުކޮށް ހުރިހާ ސްކޫލެއްގެ މަސައްކަތް ނިންމައިލުމަށް،" ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ގިނަ ސްކޫލްތަކަކީ 30 ނުވަތަ 40 އަހަރުވީ ބާ އިމާރާތްތަކެއް ކަމަށާއި، އެތަންތަނުގައި ހުރީ ސިންގަލް ފޭސް ކަރަންޓު ކަމަށެވެ. އެހެންކަމުން، އޭސީ ހަރުކުރުމުގެ ކުރިން ކަރަންޓު ވިއުގަ ވަރުގަދަކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަނާ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން، މިހާރު ހުރިހާ ރަށަކަށް ބޭނުންވާ އޭސީތައް ފޮނުވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫޢު ނިމުމުން، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
ރިއެކްޝަންސް





