
އެސް.އެސް.ސީ އިސްލާމް ކޭމްޕަށް ބޮޑު ތަރުހީބެއް އެބަލިބޭ: އަބާރުނަ ޖަމްޢިއްޔާ
މި ކޭމްޕް އޮންނާނީ އެޕްރީލް 1 ވަނަ ދުވަހު ފުވައްމުލަކު ސްކޫލްގައި
އަންނަ އެޕްރީލް މަހުގެ އެއްވަނަ ދުވަހު ފުވައްމުލަކުގައި ބާއްވާ އެސް.އެސް.ސީ އިސްލާމް ސްޓަޑީ ކޭމްޕަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ކޭމްޕް އިންތިޒާމު ކުރާ ފުވައްމުލަކުގެ ޖަމްޢިއްޔާ އަބާރުނައިން ހާމަކުރައްވައިފިއެވެ.
އަމާޒް މީޑިއާއަށް މައުލޫމާތު ދެއްވަމުން އަބާރުނަ ޖަމްޢިއްޔާގެ ރައީސާ އާއިޝަތު އާތިފާ ވިދާޅުވީ އެސް.އެސް.ސީގެ އިސްލާމް މާއްދާގެ އިމްތިހާނު ހަދާ ދަރިވަރުންނަށް އަމާޒު ކޮށްގެން ކުރިއަށް ގެންދިއުމަށް ތައްޔާރު ވަމުން އަންނަ އިސްލާމް ސްޓަޑީ ކޭމްޕުގައި ބައިވެރިވުމަށް މިހާތަނަށް 70 އަށްވުރެ ގިނަ ދަރިވަރުން ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ.
ކުޅިވަރާ، ސަކަރާތާއި މަޖަލުގެ ތެރެއިން އުނގެނުމުގެ އުކުޅުތައް ދަސްކޮށްދޭނެ މި ކޭމްޕުގައި ބައިވެރި ވުމަށް ފުވައްމުލަކުގެ ސްކޫލްތަކުގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލްތަކުގެ ދަރިވަރުން ބައިވެރި ވެފައިވާ ކަމަށެވެ.
އެގޮތުން އަތޮޅުތެރޭގެ 5 ސްކޫލަކާއި މާލޭގެ 3 ސްކޫލެއްގެ ދަރިވަރުންވެސް މި ކޭމްޕްގައި ބައިވެރިވުމަށް މިހާތަނަށް ރަޖިސްޓަރީ ކޮށްފައިވާ ކަމަށް އަބާރުނަ ޖަމްޢިއްޔާއިން ވިދާޅުވިއެވެ.
އަބާރުނަ ޖަމްޢިއްޔާއިން ވިދާޅުވީ މިއީ ދަރިވަރުންނަށް މުޅިން ހިލޭ ކުރިއަށް ގެންދާ ކޭމްޕެއް ކަމަށާއި ކޭމްޕްގައި ބައިވެރި ވުމުގެ ފުރުސަތު އަދިވެސް ހުޅުވާލާފައިވާ ކަމަށެވެ.
އެ ޖަމްޢއްޔާއިން ވިދާޅުވީ މި ކޭމްޕްގެ އިންޑޯ ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސްކޫލުގެ ހޯލުގައި ކަމަށެވެ.
އެސް.އެސް.ސީ އިމްތިހާނަށް ދަރިވަރުން ތައްޔާރު ކޮށްދީ ރަނގަޅު ނަތީޖާއެއް ހޯދުމުގައި ރާއްޖޭގެ އެންމެ ފުންނާބު އުސް އިސްލާމް މުދައްރިސު ގާސިމް މުޙައްމަދު، ގާބެ ސަރ ސެޝަންތައް ނަންގަވައި ދެއްވާ މި ސްޓަޑީ ކޭމްޕަކީ ގާބެ އިންސްޓިޓިއުޓާއި ފުވައްމުލަކުގެ ޓިއުޝަން ސެންޓަރެއް ކަމަށްވާ ބެސްޓް ލާނިންގ ސެންޓަރާ ގުޅިގެން އަބާރުނަ ޖަމްޢިއްޔާއިން އިންތިޒާމު ކޮށްފައިވާ ކޭމްޕެކެވެ.
އަބާރުނަ ޖަމްޢިއްޔާއިން ވިދާޅުވީ އެސް.އެސް.ސީ އިމްތިނާހުން ރަނގަޅު ނަތީޖާއެއް ހޯދުމަށް މި ކޭމްޕަކީ ކޮންމެހެންވެސް ބައިވެރިވާން މުހިންމު ކޭމްޕަކަށް ވާނެ ކަމުގެ ޔަގީންކަން އެޖަމްޢިއްޔާއަށް އެބައޮތް ކަމަށެވެ.
ރިއެކްޝަންސް






