
ވޭޕް މަނާކުރީ ގައުމުގެ ރައްޔިތުންގެ ހާލުގެ ދުލުން އެކަމަށް އެދެމުން ދިއުމުން- ރައީސް
މިއަދުން ފެށިގެން ވޭޕް ބޭނުން ކުރުމާއި އެތެރެކުރުންވެސް މަނާ
ވޭޕް މަނާކުރީ ގައުމުގެ ރައްޔިތުންގެ ހާލުގެ ދުލުން އެކަމަށް އެދެމުން ދިއުމުންކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އދ.މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ވޭޕް މަނާކުރުމުގެ ވާހަކަ ފާހަގަކުރެއްވީ މިސަރުކާރުން ޤާނޫނަށް ގެނައި ބަދަލާއެކު ރޭ ދަންވަރު 12:00 ން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި, އެތެރެކުރުންވެސް މަނާކޮށްފައިވާތީ އެވެ. ރައީސް ޑރ.މުއިއްޒު ވިދާޅުވީ އެއީ ޤައުމުގެ ރައްޔިތުން ހާލުގެ ދުލުން އެދެމުން ދިޔަ ކަމެއް ކަމަށެވެ. ވޭޕުން ދަރިން ސަލާމަތް ކޮށްދޭން އެދެމުން ދިޔަކަމަށް ވިދާޅުވިއެވެ.
" ދެން ހުރި ކަންކަންވެސް ހަމަ މިގޮތަށް ކުރެވޭތޯ މިމަސައްކަތް ކުރަނީ. އެއީ މިދެންނެވި ވަށާ ޖެހޭ ތަރައްޤީ ގެނައުމަށްޓަކާ. އަޅުގަނޑުމެންގެ މުޖުތަމައު އެބަޖެހޭ, މިއިން ކޮންމެ ރަށެއްގެ ރައްޔިތުން ހިމެނޭ ގޮތަށް މިކަހަލަ ކަންކަމުން ސަލާމަތްކުރެވިފަ އޮންނަ ތާކަށް ހަދަން." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިއްހީ ގޮތުން ޒުވާނުންނާއި ޢާއްމު ރައްޔިތުން ސަލާމަތްތެރިކަމާ އެކީގައި ތިބެގެން ނޫނިއްޔާ އަޅުގަނޑުމެންނަށް, ގައުމަށްވެސް ކަމެއް ނުކޮށްދެވޭނެ ކަމަށެވެ. އެއާއެކު ދެން ފާހަގަކުރެއްވީ މަސްތުވާތަކެތީގެ މައްސަލަ ފެތުރިފައިވާ މިންވަރާއި އެކަމުން ސަލާމަތްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކެވެ. ވިދާޅުވީ ޑްރަގްގެ މައްސަލަ އަކީ 40-50 އަހަރުވީ ބޮޑު މައްސަލައެއް ކަމަށެވެ. ޑްރަގްގެ މައްސަލަ ފެށިގެން ބޮޑުވަމުން ފުޅާވަމުން, މިހާރު އޮތީ މުޅިރާއްޖެއަށް ފެތުރިފައި ކަމަށާއި, އެކަމުން ސަލާމަތްވާން ފަސޭހަ ނުވާނެ ކަމަށެވެ.
" އެކަމު ހަމަ ކޮންމެ އާއިލާއަކުން ބޭނުންވާނެ އެކަމުން ސަލާމަތްވާން. ކޮންމެ އާއިލާއަކުހެން އެކަހަލަ ކަމެއްގަ ޖެހިފަ ހުރި ކުއްޖަކު ހުންނާނެ, ގަސްތަކު ނޫން އޭގެތެރެއަށް ވަދެގެން ދަނީކީ. މުޖުތަމައު އައިގޮތުން މިއޮތީ އޭގެތެރެއަށް ވަދެފަ." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޑްރަގްގެ ވަބާއިންވެސް ސަލާމަތްވާން މިހާރަށްވުރެ ރަނގަޅު ނިޒާމެއް ޤާއިމްކޮށްގެން އެކަން ކުރަންޖެހޭ ކަމަށާއި, އެމަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެކަމަކު މިހާރުއޮތް ޤާނޫނުގައި ބައިވަރު ލޫޕް ހޯލްސްތަކާއި, ބައިވަރު މައްސަލަތައް ހުރުމުން ބޭނުންވާ ފެންވަރުގަ, ބޭނުންވާ ބާރުމިނުގަ, ބޭނުންވާ ސްޕީޑްގައި އެކަން ކުރުމަށް ދަތިތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ.
އާބިލެއް ހުށަހެޅުނީ އެސަބަބާހުރެ ކަމަށާއި, ނުރައްކާތެރި ކުށްތައްކޮށް, އޯގަނައިޒްޑް ކްރައިމް ހިންގުންވެސް އޮތީ އެކަމާ ގުޅިފައި ކަމަށެވެ. އެކަމަށްވެސް އާޤާނޫނެއް ހުށަހެޅުނީ އެކަމުން ސަލާމަތް ކުރުމަށްކަމަށް ވިދާޅުވިއެވެ.
އެއިން ކޮންމެ ނިންމެވުމެއް ނިންމެވީ ގައުމަށް ހެޔޮއެދިގެން, ގައުމުގެ ރައްޔިތުންނަށް ޓަކާ, ކުރިއަށް އޮތް ޖީލުތަކަށް މިގައުމު ހެޔޮގޮތުގައި ފޯރުކޮށްދިނުމަށްޓަކާ ކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް






