
ތަހުޤީގަށް ދޮގު ބަޔާން ދިނުމުން ދާއޫދު މަގާމުން ވަކިކޮށްފި
ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނަށް ދޮގު ބަޔާން ދިން މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުގައި ހުންނެވި ދާއޫދު އަޙްމަދު އެ މަޤާމުން ވަކިކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދޫ ރޭ ބާރަ ޖަހަނިކޮށް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އޭޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްޞަ ކޮމިޝަންގެ ރިޕޯޓް ތަންފީޒު ކުރެއްވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން، ތަޙުޤީޤަށް ދޮގު ބަޔާނެއް ދީފައިވާކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުގައި ހުންނެވި ދާއޫދު އަޙްމަދު އެ މަޤާމުން ވަކިކުރައްވައިފި ކަމަށެވެ.
ދާއޫއަކީ ޔުމުން ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކޮށް, މައްސަލަ ޝަރީއަތަށް ފޮނުވާފައިވާ ރައުދުގެ ބޭބެއެވެ. އަދި އެހާދިސާ ހިނގުމުގެ ކުރިން ރައުދު އާއި ޔުމުން ހިމެނޭ ގޮތަށް އިތުރު ބަޔަކާއެކު އެހެން ގެއެއްގައި ޕާޓީ ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހެކެވެ. ޔުމުން ވެއްޓުނު ހާދިސާގެ ތަހުގީގަށް ދާއޫދު ދޮގު ބަޔާން ދިންކަން ކޮމިޝަންގެ ރިޕޯރޓްގައި ފާހަގަކޮށްފައި ވެއެވެ. އަދި ތަހުގީގު މަރުހަލާގައި ހޯމް މިނިސްޓަރ އަލީ އިހުސާނަށް ގުޅާ, މެސެޖްކޮށްފައިވާކަންވެސް ކޮމިޝަންގެ ރިޕޯރޓްގައި ފާހަގަކޮށްފައި ވެއެވެ.
ދާއޫދަކީ ރައީސް އުފެއްދެވި ޔޫތް އެޑްވައިޒަރީ ބޯޑްގެ ރައީސްވެސް މެއެވެ. އެކަމަކު ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ކުރެވޭ ތުހުމަތު ތަކާއެކު މަގާމުން އިސްތިއުފާ ދިނެވެ. އިސްތިއުފާ ދިނީ އިސްތިއުފާދޭން އެންގުމުންނެވެ.
ޔުމުން ވެއްޓުނު ހާދިސާއާ ގުޅިގެން ދާއޫދު ހުރީ ރައީސް އޮފީހުން ސަސްޕެންޑް ކޮށްފައެވެ.
ރިއެކްޝަންސް






