ވިތުހޯލްޑިންގ ޓެކްސްއަށް ގެންނަ ބަދަލާއެކު ދިވެހި ވިޔަފާރިވެރިންނަށް ބޮޑު ކުރިއެރުމެއް ލިބޭނެ: މަޖިލިސް މެންބަރުން

ވިތުހޯލްޑިންގ ޓެކްސްއަށް ގެންނަ ބަދަލާއެކު ދިވެހި ވިޔަފާރިވެރިންނަށް ބޮޑު ކުރިއެރުމެއް ލިބޭނެ: މަޖިލިސް މެންބަރުން

16 hours ago - 18:25
Advertisement
Advertisement

ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިންގ ޓެކްސްއަށް ބަދަލުގެނައުމަކީ ދިވެހި ވިޔަފާރިވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.


މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ރިޔާސަތުގައި ކުރިއަށްދިޔަ ޖަލްސާގައި، "އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު"އަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ބިލަށް ބަޙުސްކުރައްވަމުން މެމްބަރުން ވަނީ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓުތަކަށް ވާދަކުރުމުގައި މިހާރު ހަމަހަމަ ފުރުޞަތުތަކެއް ނެތްކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށްވެސް މެމްބަރުން ވިދާޅުވިއެވެ.


މި ބިލަށް ވާހަކަދައްކަވަމުން ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް ވިދާޅުވީ، މި ގެނެވޭ އިސްލާހުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް، ޚާއްސަކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހި ކޮންޓްރެކްޓަރުންނަށް ބޭރުގެ ކޮންޓްރެކްޓަރުންނާއި އެއްހަމައެއްގައި ފައިހަމަކޮށްލެވޭނެ ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، މުޅި ރާއްޖޭގެ އިޤްތިސާދަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.


"މިއީ ބޭނުންވާ އިސްލާހުތަކަކީ. ރާއްޖޭގެ ވިޔަފާރިވެރިންނަށް ފުރުސަތު ލިބި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދިރުވާ އާލާކުރުން،" މެމްބަރު އައްބާސް ވިދާޅުވިއެވެ.


މީގެއިތުރުން، އިހަވަންދޫ ދާއިރާގެ މެމްބަރު އަޙްމަދު ނަޞީރު ވިދާޅުވީ، ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިންގ ޓެކްސްއަށް މިހާރު ގެންނަ ބަދަލާއެކު ދިވެހި ކޮންޓްރެކްޓަރުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް މަގުފަހިވާނެ ކަމަށެވެ. އަދި މި ބަދަލުތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ ޤާނޫނުތަކަށް ގެންނަ ބަދަލުތަކުގެ ހަޤީގީ ފައިދާ ކުރިއަށް އޮތް 2 އަހަރާއި 4 އަހަރު ދުވަހުގެ ތެރޭގައި ފެންނާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މެމްބަރު ނަޞީރު އިތުރަށް ވިދާޅުވީ، މި ބަދަލުތަކަކީ ވޭތުވެދިޔަ ސަރުކާރުތަކުން ޤައުމާމެދު ވެފައިވާ އިހުމާލުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ގެންނަން މަޖުބޫރުވެފައިވާ މުހިންމު ބަދަލުތަކެއް ކަމަށެވެ.
"ފަހަރެއްގައި އާއްމު ރައްޔިތުން ހިތަށް އަރާފާނެ މި ބިލް ފާސްކުރާތަނުން ގިނަ އަދަދެއްގެ ޑޮލަރު ނުވަތަ އާމްދަނީ ލިބިގެންދާނެކަމަށް. މި ހުރިހާ ބަދަލުތަކެއް ގެންނަން ޖެހެނީ މީގެކުރީގެ ސަރުކާރުތަކުން ވެފައިވާ އިހުމާލުތަކުން އަރައިގަތުމަށް،" ނަޞީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މި އިސްލާހުތަކަކީ ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅުކޮށް، ދިވެހި ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ދަނީ ވިދާޅުވަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement