ބަންޑުން ޖަހާލި ސަޕްލައި ދޯނިން ގެއްލުނު 3 މީހުން ހޯދަން އެމެރިކާގެ ނޭވީ ފްލައިޓެއް ބޭނުންކުރަން ފަށައިފި
ގއ. ކުޑަލަފަރީގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތުގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ބޭނުންކުރަން ފަށައިފިއެވެ.
2026 އޮގަސްޓް 6 ވަނަ ދުވަހުގެ ރޭ ހިނގި މި ހިތާމަވެރި ހާދިސާގައި ގެއްލިފައިވަނީ އެ ދޯނީގެ ކެޕްޓަނާއި، ސިފައިންގެ މީހެއްގެ އިތުރުން ފުލުހެކެވެ. މި މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފުން ދަނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފުޅާ ދާއިރާއެއްގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަނަށް ބޭރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ.
ފްލައިޓްރާޑާ އެޕްލިކޭޝަންގެ މައުލޫމާތުތައް ދައްކާ ގޮތުން، މި އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުންދަނީ އެމެރިކާގެ ކަނޑުގެ ސިފައިންގެ (ނޭވީ) ބޯއިންގް ޕީ-8 އޭ ޕޮސައިޑަން މެރިޓައިމް ޕެޓްރޯލް އެއާކްރާފްޓެކެވެ. މިއަދު މެންދުރު ފަހު 1:45 ގައި ފެށި މި ވައިގެ އޮޕަރޭޝަން ކުރިއަށް އޮތް ފަސް ގަޑިއިރަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭވިއޭޓާސް މޯލްޑިވްސް އިން ހާމަކޮށްފައިވާ ފްލައިޓް މޮނިޓަރިން މައުލޫމާތަށް ބަލާއިރު، އެމެރިކާގެ މި އަސްކަރީ މަތިންދާބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަމުން ދަނީ ވަރަށް ތިރިން، ގާތްގަނޑަކަށް 1،500 ފޫޓުގެ އުސްމިނުގައެވެ.
މި ހާދިސާގައި ދޯނި އަޑިއަށް ގޮސްފައިވަނީ 1600 މީޓަރަށް ވުރެ ފުން ސަރަޙައްދަކަށެވެ. އެމްއެންޑީއެފުން ފާހަގަކުރާ ގޮތުގައި މިއީ އާދައިގެ ސަބްމެރިންތަކަށް ވެސް އޮޕަރޭޓް ކުރެވޭ ވަރަށް ވުރެ މާ ފުން ސަރަހައްދެކެވެ. އެހެންކަމުން މީހުން ހޯދުމުގެ މަސައްކަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.
މި ހާދިސާ ހިނގި ވަގުތު ދޯނި ފެތެމުންދިޔައިރު ކަނޑަށް ފުންމާލި އެންމެން ވަނީ ސަލާމަތްކުރެވިފައެވެ. ސަލާމަތްވި މީހުންގެ ތެރޭގައި ކޯސްޓްގާޑުގެ ހާބަރު ޕެޓްރޯލް ލޯންޗުގެ ކްރޫއަކާއި، އެމްއެންޑީއެފްގެ އޯގްޒިލަރީ ފަޔަރމަނަކާއި، ފުލުހެއްގެ އިތުރުން ތިން ފަޅުވެރިން ހިމެނެއެވެ.
ގެއްލުނު މީހުން ހޯދުމަށް ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި އޮގަސްޓް 14 ވަނަ ދުވަހުގެ އިރުއޮއްސި 18:00 އާ ހަމައަށް ވައިގެ މަގުން 9,920 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 2,790.10 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަޙައްދެއް ވަނީ ބަލައި ފާސްކޮށްފައެވެ. ނަމަވެސް، ގެއްލުނު ތިން މީހުންގެ އެއްވެސް ޚަބަރެއް އަދި މިހާތަނަށް ވެފައި ނުވާތީ، އެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ.
ރިއެކްޝަންސް





