އެމްއެމްއޭ ކައިރީގައި ޤާއިމުކުރި ޕަމްޕް ސްޓޭޝަންގެ މަސައްކަތް ނިންމައި ބޭނުންކުރަން ފަށައިފި
ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާއިން، ވަކިން ޚާއްޞަކޮށް ނެޓްބޯޅަ ކުރިއެރުވުމަށް އަގުހުރި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ހ. ސީޓް، ޢާއިޝަތު ނައުރާއަށް ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފިއެވެ.
މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ނައުރާއަށް މި ޝަރަފުވެރި އިނާމު ދެއްވާފައިވާއިރު، އޭނާއަކީ މަދުރަސީ ދައުރުން ފެށިގެން ކުޅިވަރުގެ މައިދާނުގައި ފާހަގަކޮށްލެވުނު ކުޅުންތެރިއެކެވެ. އެގޮތުން 1993 ވަނަ އަހަރު އަމީނިއްޔާ ސްކޫލުގެ ނެޓްބޯޅަ ޓީމުގައި ދެއްކި މޮޅު ކުޅުމާއެކު އޭނާގެ ވިދުން ގަދަވެގެންދިޔައެވެ. ނެޓްބޯޅައަށް އޮތް ޚާއްޞަ ލޯތްބާއި ޝައުޤުވެރިކަމުގެ ސަބަބުން، އެ ކުޅިވަރު ވެގެންދިޔައީ އޭނާގެ ދިރިއުޅުމުގެ ވަރަށް މުހިންމު ބަޔަކަށެވެ.
ކުޅިވަރުގެ އެކި ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށް ނައުރާ ދެއްކި ހުނަރުވެރިކަމާއި، ރިވެތި އަޚްލާޤާއި ސާބިތުކަމުގެ ސަބަބުން އޭނާ ވެގެންދިޔައީ އެހެން ކުޅުންތެރިންނަށް ލާމަސީލު މިސާލަކަށެވެ. މި ނުގުޑާ އަޒުމާއެކު 1996 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ނެޓްބޯޅަ ޓީމުން އޭނާ ޖާގަ ހޯދިއެވެ. އަދި ޤައުމީ ޖާޒީގައި ބައިނަލްއަޤްވާމީ ގިނަ މުބާރާތްތަކެއްގައި ޤައުމު ތަމްސީލުކޮށްދީފައިވާއިރު، ކްލަބް ޖަމިއްޔާތަކުގެ މުބާރާތްތަކުގައިވެސް އޭނާ ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ.
ކުޅުންތެރިއެއްގެ އިތުރުން ރާއްޖޭގެ ނެޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ނައުރާ ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން 1998 ވަނަ އަހަރުން ފެށިގެން ރާއްޖެއާއި ރާއްޖެއިން ބޭރުން ކޯޗިންގ އަދި އަމްޕަޔަރުކަމުގެ އެކި ލެވެލްތަކުގެ ތަމްރީނުތަކާއި ކޯސްތައް އޭނާ ވަނީ ފުރިހަމަކޮށްފައެވެ. މި ޢިލްމާއި ތަޖުރިބާގެ އަލީގައި އޭނާ ވަނީ ޒުވާން އެތައް ކުޅުންތެރިންނެއް ބިނާކުރުމުގައި ކޯޗެއްގެ ގޮތުންނާއި އަމްޕަޔަރެއްގެ ގޮތުން އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައެވެ. އަދި ޤައުމީ ފެންވަރުގެ މުބާރާތްތައް އިންތިޒާމުކުރުމުގެ އިދާރީ މަސައްކަތްތަކާއި ޖަޖުކަންވެސް އޭނާ ކޮށްފައިވެއެވެ.
ކުޅިވަރުގެ ހިންގުން ހަރުދަނާކުރުމުގެ ދާއިރާއިންވެސް ނައުރާގެ ޚިދުމަތްތައް ފާހަގަކޮށްލެވެއެވެ. އެގޮތުން ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޓެކްނިކަލް ޑިރެކްޓަރުކަމާއި، ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ އިތުރުން، އެ އެސޯސިއޭޝަންގެ ޖަޖިންގ އެންޑް އެޑްވައިޒަރީ ކޮމިޓީގެ މެމްބަރެއްގެ ގޮތުގައިވެސް އޭނާ ވަނީ އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދީފައެވެ. ނައުރާގެ މި ޚިދުމަތްތަކަކީ މިއަދުވެސް ރާއްޖޭގެ ނެޓްބޯޅައަށް މެދުކެނޑުމެއްނެތި ލިބެމުންދާ ޚިދުމަތްތަކެކެވެ.
ރިއެކްޝަންސް





