މާލެ ޓެކްސީ އެޕް ހެކްނުކުރޭ، މައުލޫމާތު ލީކުކުރީ މުވައްޒަފަކު: އެމްޓީސީސީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފޯރުކޮށްދޭ "މާލެ ޓެކްސީ ލައިން" ގެ ހިދުމަތުގައި ބޭނުންކުރާ މޮބައިލް އެޕްލިކޭޝަން ބަޔަކު ހެކްކޮށްފައިނުވާ ކަމަށާއި، މައުލޫމާތުތަކެއް ލީކުވީ އެ ކުންފުނީގެ މުވައްޒަފަކު ކުރި އަމަލަކުން ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެޕްލިކޭޝަން ހެކްކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ހަބަރެއް ކަމަށެވެ. އަދި ހަގީގަތުގައި ހިނގި ކަމަކީ، އެ ކުންފުނީގެ މުވައްޒަފަކު އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ވަދެ، އެތަނުގައި ހުރި ބައެއް މައުލޫމާތުތަކުގެ ސްކްރީންޝޮޓް ނަގައި އާންމުކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ކުންފުނިން ހިންގި އެތެރޭގެ ތަހުގީގުން ދައްކާ ގޮތުގައި، އެ މުވައްޒަފު މި އަމަލު ހިންގާފައިވަނީ އެއްވެސް ހުއްދައަކާ ނުލައި، އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައެވެ.
އެމްޓީސީސީގެ އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ޓީމަށް ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރެވުމާއެކު، ވަގުތުން ސިސްޓަމް ޝަޓްޑައުންކޮށް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނައި ކަމަށް ބަޔާނުގައިވެއެވެ. އަދި ރޭގެ 11:30 ހާއިރު ކުންފުނީގެ ސާވާ އަދި މާލެ ޓެކްސީ ލައިންގެ ބެކްއެންޑް ސިސްޓަމް ރައްކާތެރިކަމާއެކު އަލުން ރީސްޓޯކޮށްފައިވާ ކަމަށްވެސް ބުންޏެވެ. މިއީ ބޭރުން އެޕްލިކޭޝަންގެ ފަޔަވޯލްއަށް ދިން ހަމަލާއެއް ނޫންކަން ކަށަވަރުކޮށްދެމުން، ކަސްޓަމަރުންނަށް ހިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން އެމްޓީސީސީން ވަނީ ދީފައެވެ.
މި އަމަލު ހިންގި މުވައްޒަފު މިހާރު ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައިވާއިރު، ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެ މުވައްޒަފާމެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މިފަދަ އަމަލުތަކަކީ ކުންފުނިން އެތައް އަހަރެއް ވަންދެން ކުރި ބުރަ މަސައްކަތުން ހޯދާފައިވާ ރައްޔިތުންގެ އިތުބާރު ކިލަނބުކޮށްލުމަށް ހިންގާ އަމަލެއްގެ ގޮތުގައި އެ ކުންފުނިން ވަނީ ސިފަކޮށްފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސްކްރީންޝޮޓްތަކަށް ބަލާއިރު، މި އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުކުރި މީހުންގެ ނަންތަކާއި ދަތުރުކުރި މަންޒިލްތަކުގެ އިތުރުން ދެއްކި ފައިސާގެ އަދަދުތައް ވަނީ ލީކުވެފައެވެ. މީގެއިތުރުން ކަސްޓަމަރުންގެ އީމެއިލް އެޑްރެހާއި، ފޯނު ނަންބަރު އަދި ވޮލެޓާ ގުޅޭ މައުލޫމާތުތައްވެސް ވަނީ އާންމުވެފައެވެ.
މި މައްސަލައިގެ އިތުރުން، "މާލޭ ޓެކްސީ" އެޕްލިކޭޝަން ތައްޔާރުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި ކަމަށް ބުނާ މައްސަލައެއް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ.
ސޯޝަލް މީޑިއާގައި ކުރެވޭ ތުހުމަތުތަކުގައި ބުނެފައިވަނީ، މި އެޕް ހެދުމަށް ހަވާލުކުރި "ފިކްސްޑް މޯލްޑިވްސް" އަކީ އެފަދަ މަސައްކަތްތަކުގެ ތަޖުރިބާ ނެތް ކުންފުންޏެއް ކަމަށާއި، މި މުއާމަލާތުގެ ތެރެއިން ގާތްގަނޑަކަށް 13 މިލިއަން ރުފިޔާގެ ކޮރަޕްޝަން ހިންގާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ މަޖިލީހަށް މައްސަލައެއްވެސް ހުށަހަޅުއްވާފައެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންފައިވަނީ، ޓެކްސީ އެޕްލިކޭޝަން ތައްޔާރުކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ ހަގީގަތް މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބަލައިދިނުމަށެވެ.
މި ހުރިހާ ތުހުމަތުތަކާ ގުޅިގެން އެމްޓީސީސީން ބުނީ، ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކޮށް، މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި ގްރޭޓަރ މާލެ ސަރަހައްދުގައި ފެށި މި ހިދުމަތަށް އާންމުންގެ ފަރާތުން ލިބެމުންދާ ތަރުހީބަށް ޝުކުރު އަދާކުރަމުން، އެންމެ ބޮޑު ދަތުރުފަތުރުގެ ކުންފުނީގެ ހައިސިއްޔަތުން ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތެއް ދިނުމުގައި ސާބިތުވެ ތިބޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ރިއެކްޝަންސް





