ރ. މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ފަޅު ފުންކުރުމުގެ މަސައްކަތް ކުރިއަށް!
ރ. މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢުގެ ތެރެއިން، އައު ބަނދަރުގެ ފަޅު ފުންކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މީދޫ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް އަވަހަށް ނިންމުމަށްޓަކައި އެމްޓީސީސީން އަންނަނީ ހަލުވިކަމާއެކު މަސައްކަތް ކުރަމުންނެވެ.
މި މަޝްރޫޢުގެ ދަށުން ތަފާތު ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި:
- 14,337 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ފަޅު ފުންކުރުން.
- 29,508 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން.
- 2,038 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން.
- 215.60 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 172 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން.
- 203 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 1,495 އަކަމީޓަރުގެ ޕޭވްމަންޓް ހެދުން.
- 125 މީޓަރު ދިގު، 6 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 20 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން.
މީގެ އިތުރުން، އުޅަނދުފަހަރު ކައިރިކުރުމަށް ރޭމްޕެއް ހެދުމާއި، ބްރިޖެއް ބިނާކުރުމުގެ އިތުރުން ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
ރ. މީދޫއަކީ ތެދުވި ވަޑާމާއި ކިއްސަރު ވަޑާމުގެ މަސައްކަތްތަކަށް މަޝްހޫރު، ހީވާގީ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. އެ ރަށުގެ ބަނދަރަކީ ކައިރި ރިސޯޓްތަކުން އެކްސްކަރޝަންތަކަށް އަންނަ ގިނަ އަދަދެއްގެ ލޯންޗް ފަހަރުވެސް ބޭނުންކުރާ ބަނދަރަކަށް ވުމުން، ބަނދަރުގެ ޖާގަ ތަނަވަސްވުމަކީ ރަށުގެ ރައްޔިތުން ވަރަށް ގިނަ ދުވަހު ކުރަމުން އައި އުއްމީދެކެވެ.
ރިއެކްޝަންސް





