ރަސްމީ ތަފާސްހިސާބުތައް އާންމުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށް "ޑޭޓާ އެކްސްޕްލޯރާ" ޕޯޓަލް ތައާރަފްކޮށްފި
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) އިން، ރާއްޖޭގެ އިގްތިސާދީ އަދި އާބާދީގެ މުހިންމު ތަފާސްހިސާބުތައް އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން "އިންޓަރެކްޓިވް ޑޭޓާ އެކްސްޕްލޯރާ" ޕޯޓަލް ތައާރަފްކޮށްފިއެވެ.
މި ޕްލެޓްފޯމް ރަސްމީކޮށް ލޯންޗުކޮށްފައިވަނީ، ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު ވުޖޫދަށް އައިސް، އެމް.ބީ.އެސް އަކީ ފަންނީގޮތުން މިނިވަން ގައުމީ ތަފާސްހިސާބު އޮފީހެއްގެ ގޮތުގައި ކަނޑައެޅުނުތާ ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އައު ޕޯޓަލްއާ ގުޅޭގޮތުން މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން ބުނީ، މި ޕްލެޓްފޯމްގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ އިންފްލޭޝަނާއި، އިގްތިސާދީ ކުރިއެރުމުގެ އިތުރުން އާބާދީއަށް އަންނަ ބަދަލުތަކާ މެދު އާންމުން ހޭލުންތެރިކުރުވުން ކަމަށެވެ. މި ޑޭޓާ އެކްސްޕްލޯރާ މެދުވެރިކޮށް ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީ.ޕީ.އައި) ގެ މައުލޫމާތާއި، ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީ.ޑީ.ޕީ) ގެ ތަފާސްހިސާބުތަކުގެ އިތުރުން އާބާދީގެ ލަފާކުރުންތައް ވަރަށް ފަސޭހައިން ބަލާލެވޭނެއެވެ.
މީގެ ސަބަބުން، ދިރާސާކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް، އިތުބާރު ހުރި ރަސްމީ މައުލޫމާތުތައް ޒަމާނީ އަދި ލުއި ފަސޭހަ ޕްލެޓްފޯމެއްގެ ތެރެއިން ހޯދައި ދެނެގަތުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު ވުޖޫދަށް އައުމާއެކު، ރާއްޖޭގައި ރަސްމީ ތަފާސްހިސާބުތައް އެއްކުރުމާއި، ބެލެހެއްޓުމާއި އަދި އެ މައުލޫމާތުތައް އާންމުކުރުމުގެ ގާނޫނީ އޮނިގަނޑު ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ. މި ގާނޫނުގެ ދަށުން، އެމް.ބީ.އެސްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި "ޗީފް ސްޓެޓިސްޓިޝަން" އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
އެމް.ބީ.އެސް އަކީ ފަންނީގޮތުން މިނިވަން މުއައްސަސާއެއް ނަމަވެސް، އެ ބިއުރޯއާ ގުޅޭ ކަންކަމުގައި ސަރުކާރުގެ ފަރާތުން ޒިންމާވާންޖެހެނީ މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއަށެވެ. އަދި އެ ބިއުރޯގެ އިދާރީ ހިންގުން ކުރިއަށްދަނީ އެ ވުޒާރާގެ އިރުޝާދުގެ ދަށުންނެވެ.
ރިއެކްޝަންސް





