މަގްބޫލްވި ޑރ. އަލީ ލަތީފްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާއާ މަގާމްގެ ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާ
އަލީ ލަތީފްގެ މައްޗަށް ބޮޑު ދެ ދައުވާ
ކޮވިޑް-19 ގެ ތެރޭގައި މަގްބޫލްވި ޑރ. އަލީ ލަތީފްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާއާ މަގާމްގެ ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލައިގައި ދައުވާކޮށްދިނުމަށް ޕީޖީއަށް ހުށަހަޅައިފި އެވެ.
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އަލީ ލަތީފްގެ އިތުރުން ރާއްޖޭގެ މައި ހޮސްޕިޓަލް, އައިޖީއެމްއެޗްގެ އޭރުގެ ސީއީއޯ އިބްރާހީމް ސަލީމްގެ މައްޗަށްވެސް ދައުވާ ކޮށްދިނުމަށް އެދިފައެވެ. އަދި އެހޮސްޕިޓަލްގެ އޭރުގެ ލެބޯޓްރީ ހެޑް ޑރ.މިލްޒާ ޢަބްދުލްމުހުސިންގެ މައްޗަށް ދައުވާ ކޮށްދިނުމަށްވެސް ވަނީ އެދިފައެވެ. އޭރު އައިޖީއެމްއެޗް ހިންގެވުމުގައި އިސްކޮށް މަސައްކަތްކުރެއްވި ތިން ވެރިންގެ މައްޗަށް ދައުވާ ކުރަން އޭސީސިން އެދުނީ ކޮވިޑް-19 ގެ ދުވަސްވަރު ޕީ.ސީ.އާރު ޓެސްޓް ހެދުމަށް އައި.ޖީ.އެމް.އެޗްގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް"، އަމިއްލަ މަޞްލަޙަތު ހިމެނޭ ފަރާތަކަށް (އާރު.އެމް.އެލް.އެސް ލެބް ސަރވިސަސްއަށް) ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމުގެ މައްސަލައިގައެވެ.
ޑރ.އަލީ ލަތީފަކީ ކޮވިޑް-19 ގެ ދުވަސްވަރުގައި އައި.ޖީ.އެމް.އެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއަރކަމާއި، މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި، ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރު އަދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އެތިން ބޭފުޅުންގެ މައްޗަށްވެސް ދައުވާކޮށްދޭން އެދުނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގައެވެ.
އޭސީސީން ޢާއްމުކުރި ބަޔާނުގުގައި ބުނެފައިވަނީ މައްސަލައިގެ ތަހުޤީޤުން ހޯދި ހޯދުންތަކުން ޑރ.ޢަލީ ޢަބްދުﷲ ލަޠީފް އަދި އޭނާގެ މަސްލަޙަތު އޮންނަ އާރު.އެމް.އެލް.އެސް ލެބް ސަރވިސަސް އިން މަނީލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެހެންކަމުން ވަކި މައްސަލައެއްގެ ގޮތުގައި ޑރ.ޢަލީ ޢަބްދުﷲ ލަޠީފް އަދި އާރު.އެމް.އެލް.އެސް ލެބް ސަރވިސަސްގެ މަނީލޯންޑަރިންގ ގެ މައްސަލަ ތަހުޤީޤުކޮށްދިނުމަށް ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާ ކަމަށެވެ. މީގެއިތުރުން ޑރ.ޢަލީ ޢަބްދުﷲ ލަޠީފް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހުށަހަޅާފައިވާ ޓެކުހާއި ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރުހަދައި އޮޅުވާލާފައިވާކަމަށް ތަހުޤީޤުން ހޯދާފައިވާ ހޯދުންތަކުން ތުހުމަތު ކުރެވޭތީ، އެ މައްސަލަ ތަހްޤީޤުކޮށްދިނުމަށްވެސް މީރާއަށް ފޮނުވާފައިވާ ކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން، މި މައްސަލައިގައި، ޑރ. ޢަލީ ޢަބްދުﷲ ލަޠީފު އަދި ޑރ.މިލްޒާ ޢަބްދުލްމުޙްސިނާއި ގުޅިގެން ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ގެނެސް އަދި އެ ދެ ފަރާތާއިމެދު ފިޔަވަޅެއް އަޅުއްވަން ޖެހޭކަމުގައި ވާނަމަ އެ ފިޔަވަޅެއް އެޅުއްވުމަށްފަހު، އޭސީސީއާ ހިއްސާކުރެއްވުމަށް ވަނީ އަންގާފައެވެ.
ރިއެކްޝަންސް