
ގުޅިފަޅު އެއްބަސްވުމަށް ބަދަލު ނުގެންނަން މިނިސްޓްރީން ނިންމައިފި
ބަދަލުގެންނާނީ ހަމައެކަނި ގޯތި ލިބުނު ތަން ހިމެނޭ މާއްދާއަށް
ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކާއެކު ވެވޭ އެއްބަސްވުމަށް ބަދަލު ނުގެންނަން ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ނިންމައިފިއެވެ. އެވުޒާރާގެ ނިންމުން ބަދަލުކޮށްފައި މިވަނީ މާލެ ފިޔަވާ އެހެން ސަރަހައްދަކުން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް އޮތް ނަމަވެސް ދޫކޮށްލަން ޖެހޭ ގޮތަށް އެއްބަސްވުން ދަބަލުކުރުމުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތައް އެކަމާ ދެކޮޅަށް އަޑު އުފުލުމުންނެވެ.
މިނިސްޓްރީން އެއްބަސްވުން އެގޮތަށް ބަދަލުކުރުމުން އެއްބަސްވުމުގައި ސޮއި ނުކުރަން ގުޅިފަޅު އެސޯސިއޭޝަނުން ގޮވާލިއެވެ. ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ދިނުމުގެ މަރުހަލާ ފަށާ, މިދިޔަ ސަރުކާރުގައި އެއްބަސްވުންވެސް ހެދިއެވެ. ނަމަވެސް މިސަރުކާރުން އަލުން އެއްބަސްވުމުގައި ސޮއިކުރަނީ ގުޅިފަޅު ލޭންޑްޔޫޒް ޕްލޭނަށް އައި ބަދަލާ ގުޅިގެން ގޯތި ލިބޭ ތަން ބަދަލުވުމުންނެވެ. އެބަދަލާއެކު އެއްބަސްވުން އެކުލަވާލާފައި އޮތީ މާލެ ނޫން ސަރަހައްދަކުން ބިމެއް ނުވަތަ ގޯއްޗެއް ލިބިފައިވާނަމަވެސް ދޫކޮށްލަން ޖެހޭ ގޮތަށެވެ. އެކަމަކު ކުރީ ސަރުކާރުން ގޯތި ލިބުނު ފަރާތްތަކާއެކު ސޮއިކުރި އެއްބަސްވުމުގައި އޮތީ މާލެ ސަރަހައްދުން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯޗެއްގެ ބައެއް ވިޔަސް ދޫކޮށްލަން ޖެހޭ ގޮތަށެވެ.
މިނިސްޓްރީން އެއްބަސްވުން ބަދަލުކުރާ ސަބަބެއްކަމަށް ވިދާޅުވީ ޤާނޫނާ ފުށުއެރުމެވެ. މިރޭ މިނިސްޓްރީން ޢާއްމުކުރި ނޫސްބަޔާނުގައިވެސް އެކަން ފާހަގަކުރައްވާފައި ވެއެވެ. ނަމަވެސް ޤާނޫނާ ފުށުއެރިޔަސް އެއްބަސްވުން ބަދަނުކުރަން ނިންމި ސަބަބެއްކަމަށް ވިދާޅުވީ ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ އެއްބަސްވުން އެކަނި އިސްލާހުކުރުމަކީ މުޅި މައްސަލައަށް ހައްލު ލިބޭނެކަމެއް ކަމުގައި ނުދެކޭތީ ކަމަށެވެ. ބިންވެރިޔާ ސްކީމުން މާލެ ސަރަހައްދުގެ ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކުން ޢިމާރާތް ކުރުމުގެ މަސައްކަތްވެސް ފަށާފައިވުމާއެކު ހަމައެކަނި ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ އެއްބަސްވުން އިސްލާހުކޮށްގެއް ހައްލު ނުލިބޭނެކަން ފާހަގަކޮށްފައި ވެއެވެ.
އެހެންކަމުން މިނިސްޓްރީގެ މިހާރުގެ ނިންމުމަކީ ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ އެއްބަސްވުމުން ހަމައެކަނި ގޯތި ލިބުނު ތަނާއި ރަޖިސްޓްރީ ނަމްބަރާއި, ގޯތި ނަމްބަރު އިސްލާހުކުރުމެވެ.
ރިއެކްޝަންސް






