ރައީސް ޑރ. މުޢިއްޒު އަންނަ ހަފުތާގައި ޕާކިސްތާނަށް: 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

ރައީސް ޑރ. މުޢިއްޒު އަންނަ ހަފުތާގައި ޕާކިސްތާނަށް: 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

2 hours ago - 19:32
Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން 12 އެއްބަސްވުމަކާއި ފަހުމުނާމާގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.


މި މަހުގެ 20 އިން 22 އަށް ރައީސް ޑރ. މުޢިއްޒު ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ވެރިއަކު އެ ޤައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރާއްޖޭގެ ވެރިއަކު އެންމެ ފަހުން ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ މެއި 2015 ގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.


ސަރުކާރުގެ ވަޒީރުން ހިމެނޭހެން މަތީ ފެންވަރުގެ ވަފުދަކާއެކު ރައީސް ކުރައްވާ މި ދަތުރުފުޅުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމުގެ އެއްބަސްވުމާއި، ޞިއްޙީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ފަހުމުނާމާ ހިމެނެއެވެ. މީގެއިތުރުން ދިފާޢީ ދާއިރާ، ތަޢުލީމީ އަދި ދިރާސީ ދާއިރާ، މާލީ ކަންކަން، ޓެކްނޮލޮޖީ، ފަތުރުވެރިކަން، މޫސުމަށް އަންނަ ބަދަލުތައް އަދި މީޑިއާގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ވެސް ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ.


ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްލާމްއާބާދަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު، އެ ޤައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ރައީސް އާސިފް އަލީ ޒަރްދާރީއާ ވަކިވަކިން ބައްދަލުކުރައްވާނެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ބާއްވާ ރަސްމީ މަޝްވަރާތަކުގައި ގުޅުން ބަދަހިކުރުމުގެ އިތުރުން ސަރަޙައްދީ ކަންކަމާއި، ސާކް ޙަރަކާތްތެރިކުރުމާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި ވާހަކަދެކެވޭނެއެވެ.


މި ދަތުރުފުޅަށް ޕާކިސްތާނުން ވަމުންދާ އެންމެ ފަހުގެ ތައްޔާރީތައް އެ ޤައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު އިސްހާޤް ދާރު އިއްޔެ ވަނީ ބައްލަވާލައްވާފައެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމަށް އިތުރު ބަދަހިކަމެއް އަންނާނެ ކަމަށް ބެލެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement