މާލޭގެ 14 ބިމެއް ސަރުކާރަށް ނެގީ މަޝްރޫޢުތައް ލަސްވާތީ: ތަރުޖަމާނު
މާލެ ސަރަޙައްދުގެ 14 ބިމެއް މާލޭ ސިޓީ ކައުންސިލުގެ ދަށުން ނަގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ނިންމީ، ސިޓީ ކައުންސިލުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބި ތަރައްޤީގެ މަޝްރޫޢުތައް ލަސްވަމުންދާތީ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މަސް މާރުކޭޓާއި، ސަލްޓަން ޕާކު އަދި ކާނިވާ ސަރަޙައްދު ހިމެނޭހެން މާލޭގެ މުހިންމު 14 ބިމެއް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދަން ނިންމާފައިވާކަން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ސަރުކާރުގެ މި ނިންމުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ވަނީ ކުއްލި ޖަލްސާއެއް ބާއްވައި، އެ މައްސަލައިގައި ކޯޓަށް ދާން ނިންމާފައެވެ. ކައުންސިލުން ފާހަގަކުރި ގޮތުގައި، އެ ބިންތަކަކީ ކައުންސިލަށް ސީދާ އާމްދަނީ ލިބެމުންދާ ބިންތަކަކަށް ވާތީ، އެ ބިންތައް ވަކިކުރުމުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކަށް ބޮޑެތި ހުރަސްތަކަކާއި ދަތިތަކެއް ކުރިމަތިވާނެއެވެ.
ނަމަވެސް، މިކަމާ ގުޅޭގޮތުން ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، ރައްޔިތުންނަށް މުހިންމު ތަރައްޤީގެ މަޝްރޫޢުތައް ވަކި ތާރީޚަކަށް ނިންމުމަށް ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމުގައި އެއްވެސް ފަރާތަކާ ހެދި މަސައްކަތްތައް ލަސްވާން ސަރުކާރުން ބޭނުންނުވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދެވުމުގައި އެއްވެސް ދޫދިނުމެއް (ކޮމްޕްރޮމައިޒެއް) ނުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރިއެކްޝަންސް

