ކުންފުނިތަކަށް ބަދަލު ގެންނަނީ  އިގްތިސާދަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ޤަބޫލުކުރެވޭތީ: ރައީސް

ކުންފުނިތަކަށް ބަދަލު ގެންނަނީ އިގްތިސާދަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ޤަބޫލުކުރެވޭތީ: ރައީސް

1 hour ago - 12:23

ސަރުކާރުގެ ކުންފުނިތައް "ރައިޓްސައިޒް" ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވަނީ އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމީ ސާވޭއެއް މިހާތަނަށް ކުރެވިފައި ނުވިނަމަވެސް، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާކަން ސަރުކާރަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މަސްވެރިކަން ހުއްޓާލުމަށްފަހު އެހެން ދާއިރާތަކަށް ބަދަލުވީ ކިހާ މީހުންނެއްތޯ ބެލުމަށްޓަކައި ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ރަސްމީ ސާވޭއެއް ފަށާނެ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.


މަސްވެރިންގެ އަދަދު މަދުވާން މެދުވެރިވި ސަބަބާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުން ސިޔާސީ ބޭނުމަށްޓަކައި ދައުލަތުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ މީހުންނަށް ވަޒީފާ ދީފައިވާ ކަމަށެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ މަސްވެރިން ހިމެނޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެންމެ ގިނަ ބަޔަކަށް އެގޮތަށް ވަޒީފާ ދީފައިވަނީ ފެނަކަ ކޯޕަރޭޝަނުން ކަމަށެވެ.


މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެކަން އިސްލާހުކޮށް، ކުންފުނިތައް ހިންގުން ހަރުދަނާ ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފެނަކައަށް ހާއްސަ ސަމާލުކަމެއް ދީގެން ކުންފުނިތައް "ރައިޓްސައިޒް" ކުރަން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ގިނަ އަދަދެއްގެ މީހުން ވަޒީފާގައި ހިފަހައްޓާފައި ބޭތިއްބުމުގެ ސަބަބުން އުފެއްދުންތެރިކަން އިތުރުނުވާ ކަމަށާއި، އޭގެ ސަބަބުން އިގްތިސާދު ފުޅާވުމަށް ހުރަސްއެޅޭ ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ މި ސިޔާސަތަކީ ވަށައިޖެހޭ އިގްތިސާދީ ސިޔާސަތެއްގެ ދަށުން، މަސްވެރިކަމާއި އެހެނިހެން ސިނާއަތްތައް ކުރިއަރުވައި، ގައުމުގެ އިގްތިސާދު ހަރުދަނާ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow