އިތުރު ދަރަންޏެއް ނުނަގައި ސުކޫކް ދެއްކުމަކީ ބޮޑު ހިތްވަރެއް: ނަޝީދު
އިތުރު ދަރަންޏެއް ނުނަގައި ސަރުކާރުން ސުކޫކް ބޮންޑު އެއްކޮށް ދައްކައި ހަލާސްކުރުމަކީ ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އައު ދަރަންޏެއް ނުނަގައި ދައުލަތުން ދައްކަންޖެހޭ ބޮޑު ދަރަންޏެއް މިގޮތަށް ދެއްކުމަކީ އިގްތިސާދީ ގޮތުން ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ދިވެހި ސަރުކާރުން އިއްޔެ ވަނީ، ނިމިދިޔަ ސަރުކާރުގައި 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 525 މިލިއަން ޑޮލަރުގެ ބޮޑު ދަރަނި އެއްކޮށް ދައްކައި ހަލާސްކޮށްފައިވާކަން އިއުލާންކޮށްފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ފައިސާ ދައްކާފައިވަނީ ދައުލަތުގެ އާމްދަނީންނެވެ.
މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން މި ސުކޫކު ވިއްކާފައިވަނީ އޭގެ ކުރީގެ ސަރުކާރުން ނަގާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށް ކަމަށެވެ.
ފިނޭންސް މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި، މި ބޮޑު ސުކޫކު އަނބުރާ ދެއްކުމަށްފަހު، ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖެއަށް ބޭނުންވާ ތެލާއި އެހެނިހެން އަސާސީ ހިދުމަތްތަކާއި ތަކެތި މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ. އަދި ރާއްޖޭގެ އިގުތިސާދީ ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް މަގުފަހިކޮށްދިނުމަކީވެސް ސަރުކާރުގެ މުހިންމު އަމާޒެކެވެ.
މި ދަރަނި ދައްކާފައިވަނީ ރާއްޖޭގެ މާލީ ހާލަތާ މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، އިތުރު ލޯނެއް ނުނަގައި މި ފައިސާ ދެއްކުމަކީ ރާއްޖޭގެ މާލީ އިތުބާރު ބައިނަލްއަގުވާމީ މައިދާނުގައި އިތުރުވެގެންދާނެ ކަމެއް ކަމަށް އިގްތިސާދީ މާހިރުން ފާހަގަކުރެއެވެ.
ރިއެކްޝަންސް



