އިންތިޚާބާ ގުޅޭ ރިޝްވަތާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ މައްސަލަތައް ބަލަނީ: އޭސީސީ

އިންތިޚާބާ ގުޅޭ ރިޝްވަތާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ މައްސަލަތައް ބަލަނީ: އޭސީސީ

4 hours ago - 20:47

އިންތިޚާބުތަކާ ގުޅިގެން ހިންގާ ރިޝްވަތުގެ އަމަލުތަކާއި، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.


އޭސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އިންތިޚާބާ ގުޅިގެން ހުށަހެޅޭ ރިޝްވަތުގެ މައްސަލަތަކުގެ އިތުރުން، މީޑިއާތަކުން ފާހަގަކުރާ ކަންކަމާއި އެކި ގޮތްގޮތުން ކޮމިޝަނުގެ ސަމާލުކަމަށް އަންނަ މިފަދަ މައްސަލަތައްވެސް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. މި މައްސަލަތަކަކީ ޖިނާއީ މައްސަލަތަކެއް ކަމަށްވާތީ، ތަހުގީގު ކުރުމުގައި ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ކަނޑައަޅާފައިވާ ހަރުދަނާ މިންގަނޑުތަކަށް ތަބާވާނެ ކަމުގެ ޔަގީންކަން އެ ކޮމިޝަނުން ވަނީ ދީފައެވެ.


މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި އިންތިޚާބުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވައި، ކެމްޕޭނު ކުރުމުގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުން ދުރުހެލިވުމަށް އޭސީސީން ވަނީ ހުރިހާ ފަރާތްތަކަކަށް ގޮވާލާފައެވެ.


މީގެއިތުރުން، ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި ރިޝްވަތު ދިނުމާއި، ރިޝްވަތުގައި ހިފުމަކީ އިންތިޚާބުގެ ސައްހަކަން ގެއްލިގެންދާނެ ކަމެއް ކަމަށް އެ ކޮމިޝަނުން ހަނދާންކޮށްދެއެވެ. އެހެންކަމުން، ވޯޓު ދިނުމުގެ ގާނޫނީ ހައްގު ހެޔޮ ގޮތުގައި ބޭނުންކޮށް، އެއްވެސް ފަރާތަކުން ހުށަހަޅާ ރިޝްވަތެއްގައި ނުހިފުމަށް އޭސީސީން ވަނީ އިލްތިމާސްކޮށްފައެވެ.


އޭސީސީގެ ބަޔާން ނިންމާލަމުން ވަނީ، ކޮންމެ ރައްޔިތަކުވެސް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އަމިއްލަ އިހުތިޔާރުގައި ވޯޓު ދިނުމުގެ ހައްގުގެ ބޭނުން ފުރިހަމައަށް ހިފުމަށް ބާރުއަޅާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow