އިންތިޚާބުގައި ޙައްޤުތަކަށް ހުރަސްނޭޅުމަށް އެޗްއާރްސީއެމްއިން އިލްތިމާސްކޮށްފި

އިންތިޚާބުގައި ޙައްޤުތަކަށް ހުރަސްނޭޅުމަށް އެޗްއާރްސީއެމްއިން އިލްތިމާސްކޮށްފި

5 hours ago - 20:31
Advertisement
Advertisement

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ޙައްޤުތަކަށް ހުރަސްއެޅޭނޭ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.


މާދަމާ ބޭއްވުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 އެވެ. މި އިންތިޚާބަކީ ރާއްޖޭގެ އިދާރީ ދާއިރާތަކުގެ ހިންގުމާއި، ރައްޔިތުންގެ ބައިވެރިވުން ކަށަވަރުކުރުމަށް ބޭއްވޭ މުހިންމު އިންތިޚާބެކެވެ.


އެޗްއާރްސީއެމްއިން ހާމަކުރި ގޮތުގައި، މި އިންތިޚާބު އޮބްޒަރވް ކުރުމުގެ ގޮތުން އެ ކޮމިޝަންގެ 78 އޮފިޝަލުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާނެއެވެ. އެގޮތުން މާލޭގެ އިތުރުން 18 އަތޮޅެއްގެ 21 ރަށެއްގައި އެ ކޮމިޝަންގެ ޓީމުތައް ހަރަކާތްތެރިވާނެއެވެ. ވޯޓުފޮށި އޮބްޒަރވްކުރުމުގެ މަސައްކަތް ހެނދުނު 6:30 އިން ފެށިގެން ވޯޓުލާ ނިމުމާ ހަމަޔަށް ކުރިއަށް ގެންދާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.


މިގޮތުން މާލެ ސަރަހައްދުގައި ވޯޓުލާ ދުވަހުގެ އެކި ގަޑިތަކުގައި 208 ފޮށްޓެއް އޮބްޒަރވްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަތޮޅުތެރޭގެ 21 ރަށެއްގައި ޖުމްލަ 104 ފޮށްޓެއް އޮބްޒަރވްކުރާނެއެވެ. މީގެ އިތުރުން ކ. މާފުށި ޖަލުގައި ވޯޓުލުން ކުރިއަށްދާ ގޮތް ބެލުމަށްވެސް ކޮމިޝަންގެ އޮބްޒަރވަރުން ހަރަކާތްތެރިވާނެ ކަމަށް އެޗްއާރްސީއެމްއިން މަޢުލޫމާތު ދެއެވެ.

Advertisement
Advertisement


އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އިންތިޚާބުތަކުގައި ބައިވެރިވުމާއި ވޯޓުލުމަކީ ޤާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ މުހިންމު އަސާސީ ޙައްޤެއް ކަމަށެވެ. އެހެންކަމުން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވޯޓުލުމުގެ ޙައްޤު އަދާކޮށް، ޤައުމުގެ މުސްތަޤްބަލް ބިނާކުރުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.


މީގެ އިތުރުން، މުޖުތަމަޢުގައި ސިޔާސީގޮތުން ޚިޔާލު ތަފާތުވުން ހުރިކަމުގައި ވީނަމަވެސް، އަމާންކަމާއި ސުލްހަވެރިކަން އިސްކުރުމަށާއި، ޤާނޫނުގެ ވެރިކަމުގެ ތަރަހައިގެ ތެރެއިން ކަންކަމަށް ޙައްލު ހޯދުމަށްވެސް އެޗްއާރްސީއެމްއިން ވަނީ ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement