ރަސްމާލެ ހިއްކުމުގެ 62 ޕަސެންޓް މަސައްކަތް ނިމިއްޖެ
ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ހިންގާ ބިން ހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ 62 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަސައްކަތް އެއްވެސް ހުއްޓުމެއް ނެތި ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން، ޖުމްލަ 1,150 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި ބިޔަ މަޝްރޫޢުގެ ދަށުން މިހާތަނަށް 716 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޝިދު ފާހަގަކުރެއްވި ގޮތުގައި، މިހާރު ހިއްކިފައިވާ ބިމާއެކު ރަސްމާލެ ވެފައިވަނީ މުޅި ރާއްޖޭގެ ވެސް އެންމެ ބިން ބޮޑު ރަށަށެވެ. މިއީ މީގެ ކުރިން ރާއްޖޭގެ އެންމެ ބޮޑު ރަށުގެ ގޮތުގައި އޮތް ލ. ގަމުގެ ބޮޑުމިނަށް (609 ހެކްޓަރު) ވުރެ 107 ހެކްޓަރު ބޮޑު އަދަދެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރުމަށް ވަނީ ނިންމައިފައެވެ. އަދި ފުރަތަމަ ބުރުގެ ދަށުން 15،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކޮށް ނިމޭއިރު، ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު ހާމަކުރި ގޮތުގައި، މި ސަރުކާރުގެ ހައުސިން ސްކީމަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އަންނަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން އާންމުކުރާނެއެވެ.
މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދުމަށް ހުޅުވާލި ފުރުސަތު މިދިޔަ ޖޫން މަހުގެ 15 އަށް ހަމަވިއިރު، "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށް ޖުމްލަ 58،505 ފޯމު ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.
ރިއެކްޝަންސް





