ކުދި ޖަޒީރާ ޤައުމުތަކުގެ ބިން ހަލާކުވުމުގެ މައްސަލައަށް މާލީ އެހީތެރިކަން ބޭނުންވޭ: އެންވަޔަރަންމަންޓް މިނިސްޓަރ
ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ބިން ހަލާކުވުމާއި ގިރުމުގެ މައްސަލަތައް ޙައްލުކުރުމަށްޓަކައި، ބައިނަލްއަޤްވާމީ މާލީ ނިޒާމުގެ ތެރެއިން ޚާއްޞަ އެހީތެރިކަމެއް ފޯރުކޮށްދޭންޖެހޭ ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، އދ. ގެ މުޢާހަދާ، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން (ޔޫއެންސީސީޑީ) ގެ ކޮޕް17 ގެ ހައި-ލެވެލް ސެގްމަންޓުގެ 'ފައިނޭންސް ޑޭ' ގައި ތަޤުރީރު ކުރައްވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢަލީ ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކުގެ ބިމަށް ލިބޭ ގެއްލުންތަކަކީ ހަމައެކަނި ހަނަފަސް ބިންތަކަށް ޚާއްޞަކޮށްފައިވާ އޮނިގަނޑުތަކުގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ޙައްލުކުރެވޭނެ ކަންކަމެއް ނޫނެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ރާއްޖެ ފަދަ ބިންތިރި ޤައުމުތަކުގައި ގޮނޑުދޮށް ގިރުމާއި، ބިމުގެ ފެންފަށަލައަށް ލޮނުއެޅުމުގެ ސަބަބުން ބިން ހަލާކުވުމަކީ ނުރައްކާތެރި މިންވަރަކަށް އިތުރުވަމުންދާ މައްސަލަތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި ބިން ހަލާކުވުމަށް މެދުވެރިވާ މިފަދަ ބޮޑެތި ސަބަބުތަކެއް ހުރި ނަމަވެސް، މިހާރު ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ މާލީ އޮނިގަނޑުތަކުގައި މިފަދަ ކަންކަމަށް މާބޮޑު ސަމާލުކަމެއް ދެވިފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ގޮނޑުދޮށްތަކާއި ބިންތައް ހަލާކުވަމުންދާ މައްސަލައިގެ ނާޒުކުކަމާއި އަވަސް ޙައްލެއް ބޭނުންވާ މިންވަރު ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަންނަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ފަސޭހައިން ލިބޭނެ ފަދަ އަދި އެ ޤައުމުތަކުގެ ބޭނުންތަކަށް އިޖާބަދޭނޭ މާލީ ނިޒާމުތަކެއް ކަށަވަރުކުރުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ޖަޒީރާ ޤައުމުތަކުގެ ޚާއްޞަ ޙާލަތްތަކާ ގުޅޭގޮތަށް ފަރުމާކުރެވިފައިވާ 'ބްލޫ-ގްރީން' ފައިނޭންސްގެ ވަސީލަތްތައް ފުޅާކުރުމަކީ މިފަދަ ތިމާވެށީގެ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށް އޮތް އެންމެ މުހިންމު އެއް ޙައްލު ކަމުގައި ވިދާޅުވިއެވެ.
ރިއެކްޝަންސް





