ރުކުމަޑިއާއި ހުދު ކޫޑި ކޮންޓްރޯލްކުރާ ޕެސްޓިސައިޑް 38 ރަށަކަށް ފޯރުކޮށްދީފި
ދިވެހިރާއްޖޭގެ އެކި ރަށްރަށުގެ ރުއްތަކަށް ގެއްލުންދެމުންދާ ރުކުމަޑިއާއި ހުދު ކޫޑި ކޮންޓްރޯލްކުރުމަށް ބޭނުންވާ ޕެސްޓިސައިޑް މިހާތަނަށް 38 ރަށަކަށް ފޯރުކޮށްދީފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ރުކުމަޑި އަދި ހުދު ކޫޑީގެ މައްސަލަ ދިމާވެފައިވާ ރަށްރަށަށް ޕެސްޓިސައިޑް ބޭނުންވާނަމަ އެކަން އެ ވުޒާރާއަށް އެންގުމަށް އެދި ކައުންސިލްތަކަށް ވަނީ ސިޓީ ފޮނުވާފައެވެ. މިގޮތުން މިހާތަނަށް 62 ރަށަކުން ޕެސްޓިސައިޑް ހޯދުމަށް އެދި ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 38 ރަށަކުން މިހާރު ވަނީ މިތަކެތި ގެންގޮސްފައެވެ.
އެ ވުޒާރާއިން ވިދާޅުވީ ހއ، ހދ، އަދި ށ. އަތޮޅުގެ ރަށްރަށުން ޕެސްޓިސައިޑް ބޭނުންވާނަމަ ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުން ލިބެން ހުންނާނެ ކަމަށެވެ. އަދި ބާކީ ހުރި އަތޮޅުތަކަށް ޕެސްޓިސައިޑް ދޫކުރަމުންދާނީ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ސީދާ ކަމަށްވެސް ވަނީ ހާމަކުރައްވާފައެވެ.
ކޮކޮނަޓް ހިސްޕިޑް ބީޓްލް ނުވަތަ ކުދި ރުކުމަޑި ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ 1999 ވަނަ އަހަރުގެ ޑިސެންބަރު މަހު އަރިއަތޮޅު ސަން އައިލެންޑް ރިސޯޓުންނެވެ. މި ބާވަތުގެ މަޑިއަކީ ރުއްތަކުގެ ފަންވަތްތައް ހަލާކުކޮށް، ރުކުގެ ހެދިބޮޑުވުމަށް ބޮޑެތި ހުރަސްތަކެއް އަޅާ ނުރައްކާތެރި ސޫތްޕެކެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ރުކުމަޑިއާއި ހުދު ކޫޑީގެ މައްސަލަ ބޮޑުވެފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ޚާއްޞަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން، ޗައިނާ ސަރުކާރުގެ އެހީގައި ކުރެވުނު ދިރާސާތަކަށްފަހު، ރުކުމަޑި ނައްތާލުމަށް އެއަށް ހަމަލާދޭ ޤުދުރަތީ ސޫތްޕެއް (ޕެރަސައިޓޮއިޑް) ވަނީ ހޯދާފައެވެ.
މި ސޫފި އާލާކޮށް ދިވެހިރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތައް ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކޮންޓްރޯލް ކުރުމަށްޓަކައި، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި "ޕާމް ޕެސްޓް ބަޔޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރު" ދާދިފަހުން ވަނީ ޤާއިމުކޮށް މަސައްކަތް ފަށާފައެވެ. މި ސެންޓަރަކީ ދުވާލެއްގެ މައްޗަށް އެއްލައްކަ ޕެރަސައިޓޮއިޑް އާލާކުރުމުގެ ޤާބިލުކަން ލިބިފައިވާ ސެންޓަރެކެވެ. ސެންޓަރުގައި އާލާކުރާ މި ސޫފިތައް ބަލިޖެހިފައިވާ ސަރަޙައްދުތަކަށް ދޫކޮށްގެން، ރުކުމަޑީގެ މައްސަލަ ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
ރިއެކްޝަންސް





