50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކުން އިންޑިޔާއިން ފަސްކޮށްދީފި
މިއީ މިފައިސާ ދެއްކުން ފަސްކޮށްދިން ދެވަނަ ފަހަރު
50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކުން އިންޑިޔާއިން ފަސްކޮށްދީފިއެވެ. މާލީ ވުޒާރާއިން މިއަދު ފޮނުވި ލިޔުމުގައި ވިދާޅުވެފައި ވަނީ މިމަހު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދިފައިވާ ކަމަށެވެ.
އިންޑިޔާ ސަރުކާރުން އެފައިސާ ދެއްކުން ފަސްކޮށްދިނީ މާލީ ވަޒީރު މޫސާ ޒަމީރު އިންޑިޔަން ހައިކޮމިޝަނަރ ޖީ ބާލަސުބްރަމާނީއަންއާ އިއްޔެ ކުރެއްވި މަޝްވަރާ ތަކަށްފަހުއެވެ. މިދިޔަ އެމްޑީޕީ ސަރުކާރުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން މިފަހަރު ފަސްކޮށްދިނީ މިމަހު ދައްކަންޖެހޭ 50 މިލިއަނެވެ. 50 މިލިއަން ޑޮލަރު މިސަރުކާރުން ވަނީ ދައްކާފައެވެ. ކުރިން އޮތްގޮތުން މިއަދު މިއީ 50 މިލިއަން ޑޮލަރު ދައްކަން ޖެހޭ ދުވަހެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ އިންޑިޔާގެ މިނިންމެވުމުން ހާމަވަނީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދެމުންގެންދާ ދެމެހެއްޓެނިވި އިތުބާރާއި އެހީތެރިކަން ކަމަށެވެ.
މިއީ އިންޑިޔާ ސަރުކާރުން މިފައިސާ ދެއްކުން ފަސްކޮށްދިން ދެވަނަ ފަހަރެވެ. އިންޑިޔާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަން މިދިޔަ ދައުރުގައި ވަނީ ހަމަޖެހި އެއްބަސްވެފައެވެ. އެމަޝްރޫއުތަކާ ގުޅޭގޮތުންވެސް އިއްޔެ ފިނޭންސް މިނިސްޓަރ ޒަމީރު ވަނީ އިންޑިޔާ ހައިކޮމިޝަނަރާ މަޝްވަރާ ކުރައްވާފައެވެ.
މީގެއިތުރުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އޮތް ފުރުޞަތުތަކާ މެދުވެސް މަޝްވަރާކުރެއްވި ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ. ދެފ އިޤްތިޞާދީ އެއްބާރުލުމަށް އައު ފުރުޞަތުތައް ހޯދުމަށާއި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުގައި ހިންގޭ ވިޔަފާރީގެ މިންވަރު އިތުރުކުރުމަށް މަސައްކަތްކުރުމުގެ ޝައުގުވެރިކަންވެސް ދެބޭފުޅުން ފާޅުކުރެއްވިކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.
ރިއެކްޝަންސް









