ފޭސް 2 ގެ ބަސް ރޫޓުތަކުގެ މައްސަލައަށް ހައްލު ހޯދުމަށް ޕީއެންސީން އެމްޓީސީސީއާ ބައްދަލުކޮށްފި
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގިނަ ސަރަހައްދުތަކެއްގައި އެކަށީގެންވާ ބަސް ރޫޓުތަކާއި ބަސް ހުއްޓިތައް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދުމަށް، ސަރުކާރު ހިންގާ ޕީއެންސީގެ ހުޅުމާލެ އުތުރު ދާއިރާގެ ސްޓިއަރިންގ ކޮމިޓީން އެމްޓީސީސީގެ އިސް ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުގެ ނިޒާމު އެކަށީގެންވާ ގޮތެއްގައި ނުލިބުމުގެ ސަބަބުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅޭގޮތުންނެވެ. ހާއްސަކޮށް ހިޔާ ފްލެޓްތަކާއި، ވިނަރެސް އަދި އެހެނިހެން ހައުސިންގ މަޝްރޫއުތަކާއެކު ބޮޑުވަމުންދާ އާބާދީއަށް ބޭނުންވާ ފެންވަރަށް ބަހުގެ ހިދުމަތް ނުލިބޭކަން ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.
މި ބައްދަލުވުމުގައި އެމްޓީސީސީން ވަނީ ހުޅުމާލެ ފޭސް 2 ގެ ބަސް ރޫޓުތަކާއި ބަސް ހުއްޓިތައް އިތުރުކޮށް، އެތެރޭގެ ދަތުރުތަކަށް ހާއްސަ ބަސް ރޫޓުތަކެއް އަވަސް މުއްދަތެއްގެ ތެރޭގައި ތައާރަފް ކުރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ސްޓިއަރިންގ ކޮމިޓީއަށް ދީފައެވެ. މިއީ އެ ސަރަހައްދުގެ ރައްޔިތުން އިންތިހާއަށް އެދެމުންދާ ކަމެކެވެ.
ޕީއެންސީގެ ހުޅުމާލެ އުތުރު ދާއިރާގެ ނައިބު ރައީސް މަލްޝާ ޝަރީފް ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީގެ ހައިސިއްޔަތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ދިމާވާ މައްސަލަތައް ހިއްސާކުރުމަށް ހުރިހާ ރައްޔިތުންނަށްވެސް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ އަޑު ކަމާބެހޭ އިދާރާތަކަށް އިއްވައި، މައްސަލަތަކަށް ހައްލު ހޯދައިދިނުމުގައި ރައްޔިތުންނާއި ޕާޓީއާ ދެމެދު އޮތް ފާލަމެއްގެ ގޮތުގައި އަބަދުވެސް ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މީގެއިތުރުން، އެންމެން ގުޅިގެން ހުޅުމާލެ އުތުރު ދާއިރާއަކީ މިއަށްވުރެ ފުރިހަމަ ތަނަކަށް ހެދުމަށް އެކުއެކީ މަސައްކަތްކުރުމަށްވެސް މަލްޝާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ހުޅުމާލެ ފޭސް 2 ގައި އާބާދީ އިތުރުވަމުންދާ މިންވަރާ އަޅާބަލާއިރު، އާރުޓީއެލްގެ ބަހުގެ ހިދުމަތް އެކަށީގެންވާ ގޮތެއްގައި މުޅި ސަރަހައްދަށް ނުލިބޭތީ އާންމުން ދަނީ ޝަކުވާ ކުރަމުންނެވެ. ހާއްސަކޮށް، އެތެރޭގެ ސަރަހައްދުތަކުން ބަސް ހުއްޓިތަކަށް ދިއުމަށް ބޮޑު ރާސްތާއެއް ހިނގަންޖެހުމާއި، ބަސް އަންނަ ވަގުތުތައް ދިގުވުމުގެ ސަބަބުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިވަމުންދާކަން ފާހަގަކުރެވެއެވެ.
ރިއެކްޝަންސް





