ގާނޫނުއަސާސީއާ ހިލާފު އެއްވެސް ގާނޫނެއް މަޖިލީހުން ފާސްނުކުރާނެ: މަޖިލިސް ރައީސް
ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން، ގާނޫނުއަސާސީއާ ހިލާފު އެއްވެސް ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ނުހަދާނެ ކަމުގެ ފުރިހަމަ ޔަގީންކަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ދެއްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވައި އަބްދުއްރަހީމް ވިދާޅުވީ، މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން ބިލު ހުށަހެޅުމުގެ ހައްގު މިނިވަން މެންބަރުންނަށްވެސް ލިބިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން މިނިވަން މެންބަރަކު އަމިއްލަގޮތުން އިސްލާހެއް ހުށަހެޅުއްވުމަކީ އުސޫލުން ބޭރުން ކުރައްވާ ކަމެއް ނޫން ކަމަށާއި، މަޖިލީހުން އަބަދުވެސް ފާސްކުރާނީ ގާނޫނުއަސާސީއާ އެއްގޮތްވާ ގާނޫނުތައް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުން ފާސް ކުރާނީ ގާނޫނު އަސާސީއާއި އެއްގޮތްވާ ގާނޫނުތައް. ގާނޫނުއަސާސީއާ ހިލާފުވާ ގާނޫނެއް ރައްޔިތުންގެ މަޖިލީހަކުން ނަހަދާނެ،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމްވެސް ވަނީ ރިޔާސަތަށް މައްސަލައެއް އަންނާނީ ފުރިހަމައަށް ޗެކުކުރެވިގެން ކަމަށާއި، ގާނޫނާ ހިލާފު އެއްވެސް ކަމެއް ރިޔާސަތުން ކުރިއަށް ނުގެންދާނެ ކަމަށް ވިދާޅުވެފައެވެ.
މިއަދުގެ ޖަލްސާގައި ބަހުސް ކުރިއަށްދިޔައީ ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ލާމަރުކަޒީ ގާނޫނަށް ހުށަހަޅުއްވި އިސްލާހަށެވެ. މި ބިލުގެ މައިގަނޑު މަގުސަދަކީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށްޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުމާއި ބިންތަކާ ގުޅޭ އިޖުރާއަތްތައް ހަރުދަނާކުރުމެވެ. ބިލުގައިވާ ގޮތުން، ކައުންސިލްގެ އިހުތިސޯސްގައި ހިމެނޭ ބިމެއްގައި ސަރުކާރުގެ މަޝްރޫއެއް ހިންގުމަށްޓަކައި، އެ ބިމެއް ކައުންސިލްގެ އިހުތިސޯސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންވެއެވެ.
ނަމަވެސް، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ މި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު، ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ގާނޫނުއަސާސީގެ 4 ވަނަ މާއްދާއާ މި އިސްލާހު ތައާރުޟުވާ ކަމަށާއި، މި އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައްވާ ކަމަށެވެ.
މި އިސްލާހާ ދެކޮޅަށް މަޖިލީހަށް އީ-ޕެޓިޝަނެއް ހުށަހަޅައި ސޮއި ހޯދުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. އެ ޕެޓިޝަންގައި ބުނެފައިވަނީ، މި އިސްލާހުގެ ސަބަބުން ރައްޔިތުންގެ ވޯޓުން ހޮވާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރުތައް ވަޒީރުންގެ މަޖިލީހަށް ލިބިގެންދާނެ ކަމަށެވެ.
ރިއެކްޝަންސް

