ސިއްހީ ސަބަބުތަކަށްޓަކައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަގާމުން އިސްތިއުފާ ދެއްވައިފި
ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި، މަގާމުން ވަކިވެވަޑައިގަންނަވަނީ ސިއްހީ ސަބަބުތަކަކަށްޓަކައި ކަމަށް ޒަމީރު ވަނީ ވިދާޅުވެފަ އެވެ.
މޫސާ ޒަމީރު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސިންގަޕޫރުގައި ސިއްހީ ބޮޑު ސާޖަރީއެއް ވެސް ކުރައްވާފަ އެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރު އެންމެ ފުރަތަމަ އެކުލަވާލިއިރު ޒަމީރު ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގައެވެ. ނަމަވެސް، ސެޕްޓެމްބަރު 30، 2024 ގައި ކެބިނެޓަށް ގެނައި ބަދަލާ އެކު އޭނާ ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމަށް ބަދަލުކުރައްވާފަ އެވެ. އޭގެ ފަހުން، މިދިޔަ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީގެ މެންޑޭޓުގެ ތެރެއަށް ޕަބްލިކް އެންޓަޕްރައިސަސް ހިމަނައި، އެ މިނިސްޓްރީގެ މަސްއޫލިއްޔަތުތައް ވަނީ އިތުރަށް ފުޅާކޮށްފަ އެވެ.
ކެބިނެޓުގެ އެންމެ ސީނިއާ އެއް ވަޒީރުގެ ގޮތުގައި ފާހަގަކުރެވުނު ޒަމީރު ވަނީ ސަރުކާރުގެ މުހިންމު ގިނަ ޒިންމާތަކެއް އުފުއްލަވާފަ އެވެ. އެގޮތުން، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ރައީސް އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީގެ ޗެއާކަމާއި، ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ.
ޒަމީރުގެ މިނިސްޓަރުކަމުގައި ރާއްޖޭގެ އިގްތިސާދީ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ވަނީ ހޯދާފަ އެވެ. އެގޮތުން، ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗް ރޭޓިންސް އިން ރާއްޖެއަށް ދީފައިވާ ރޭޓިން މިދިޔަ ހަފުތާގައި ވަނީ މަތިކޮށްފަ އެވެ. މީގެ އިތުރުން، މިދިޔަ އޭޕްރީލް މަހު ދައްކަން ޖެހުނު 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކް ރާއްޖޭން ވަނީ ކާމިޔާބުކަމާ އެކު އަދާކޮށްފަ އެވެ. މިނިސްޓަރު ޒަމީރު އިސްތިއުފާ ދެއްވުމާ ގުޅިގެން، ފިނޭންސް މިނިސްޓްރީ ހިންގެވުމާ ދެން ހަވާލުކުރައްވާނެ ބޭފުޅަކު ސަރުކާރުން އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.
ރިއެކްޝަންސް

