36 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ޕާކިސްތާނު މީހަކު ހައްޔަރުކޮށްފި
މިދިޔަ ފެބްރުއަރީ މަހު ބޯޓެއްގައި ރާއްޖެއަށް އެތެރެކުރި 36 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލާގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ ޕާކިސްތާނު މީހަކު ހަތަރު މަސް ފަހުން ފުލުހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 51 އަހަރުގެ އަހުމަދު ޒަފަރެވެ. އޭނާއަކީ ރާއްޖެއަށް މުދާ އެތެރެކުރާ ކުންފުންޏެއްގެ އިސް މަގާމެއްގައި ހުރި، ރާއްޖޭގައި ދިރިއުޅެމުންދާ މީހެކެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި، މުދާ ޝިޕްމެންޓެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ޒަފަރެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. ކޯޓު އަމުރުގައިވާ ގޮތުން 15 ދުވަހުގެ މުއްދަތެއް ދިނީ ވަކީލަކާ ބައްދަލުނުވާ ކަމަށް އޭނާ ބުނުމުންނެވެ.
މި ބޮޑު މަސްތުވާތަކެތީގެ ޝިޕްމެންޓް އަތުލައިގަތީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. އެ ދުވަހު މި މައްސަލާގައި ދެ ދިވެހިން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ މ. މުލައް، މަދާރުގެ، ހަސަން މަފާޒު އާއި ހ. ފިލްމީސައިޓް، ވިޝާމް މުހައްމަދެވެ.
މި މައްސަލައަކީ ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ މުދަލުގެ ނިވާފަތްގަނޑުގައި ހިންގާ މަސްތުވާތަކެތީގެ ބޮޑެތި މުއާމަލާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާހަގަކޮށްލެވޭ މައްސަލައެކެވެ. ފުލުހުން ދަނީ މި މައްސަލައިގެ ތަހުގީގު އިތުރަށް ފުޅާކޮށް، މީގައި ބައިވެރިވާ އެހެން ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ރިއެކްޝަންސް





