ރައީސް މުޢިއްޒާ ދެކޮޅަށް ޕީއެންސީ ސެނެޓުން ނިންމުމެއް ނިންމިކަމަށް ބުނެ "އަދަދު" ނޫހުން ފެތުރީ ދޮގު ޚަބަރެއް!

ރައީސް މުޢިއްޒާ ދެކޮޅަށް ޕީއެންސީ ސެނެޓުން ނިންމުމެއް ނިންމިކަމަށް ބުނެ "އަދަދު" ނޫހުން ފެތުރީ ދޮގު ޚަބަރެއް!

2 hours ago - 10:38

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެނެޓު ބައްދަލުވުމެއްގައި، ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި މުހިންމު ކަމަކަށް ސެނެޓުގެ މެންބަރުން ދެކޮޅު ހެއްދެވިކަމަށް ބުނެ އޮންލައިން ނޫސް "އަދަދު" އިން ފެތުރި ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ދޮގެއްކަން ހާމަވެއްޖެއެވެ.


ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދާދިފަހުން ބޭއްވި ސެނެޓުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ރައީސް ޑރ. މުޢިއްޒު، އެ މަޖިލީހުން ވަކި ގޮތަކަށް ކަމެއް ނިންމުމަށް އެއްވެސް ކަމެއް ހުށަނާޅުއްވާ ކަމަށެވެ. ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވީ، ކޮންގްރެސް ޕާޓީއަކީ ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާ އެއްގޮތަށް ހިންގާ ޕާޓީއެއް ކަމަށާއި، ޕާޓީގެ އެތެރޭގައި ފިތުނަ އުފައްދައި ލީޑަރުންނާއި މެންބަރުން ބައިބައި ނުކުރެވޭނެ ކަމަށެވެ. އަދި މުޅި ޕާޓީ އޮތީ ސާބިތުކަމާއެކު ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


މިކަމާ ގުޅިގެން ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙުވެސް ވަނީ "އަދަދު" ނޫހުގެ ޚަބަރު ކަނޑައެޅިގެން ދޮގުކުރައްވާފައެވެ. ފަލާޙު ވިދާޅުވީ، ރައީސް ވަކި ގޮތަކަށް ކަމެއް ހުށަހެޅުއްވިނަމަ، ޕާޓީގެ މެންބަރުން އެމަނިކުފާނަށް ކުރާ އިތުބާރާއި ލޯތްބެއްގެ ބޮޑުކަމުން އެކަމެއް އެގޮތަށް ފާސްވީސް ކަމަށެވެ. ނަމަވެސް، ރައީސް އިހުތިޔާރު ކުރެއްވީ މަޝްވަރާގެ މަތިވެރި އުސޫލު ކަމަށާއި، ހުރިހާ ކަމެއް ނިންމުމަށް ދޫކޮށްލެއްވީ ސެނެޓުގެ މެންބަރުންނަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.


ފަލާޙު އިތުރަށް ވިދާޅުވީ، މިފަދަ ދޮގު ޚަބަރުތަކުން ސާފުވަނީ ބައެއް ނޫސްތަކުން ހަގީގަތާ ޚިލާފު ވާހަކަ ފަތުރައިގެން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރާ މިންވަރު ކަމަށެވެ. މީގެ އިތުރުން، ޕީއެންސީގެ ތަރުޖަމާނު އަލްއުސްތާޛު މުޙައްމަދު ފިރުޒުލް އެމްއެމްޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސެނެޓުގެ ބައްދަލުވުމުގައި ވަކި ގޮތަކަށް ކަމެއް ނިންމުމަށް ރައީސް ބާރުއަޅުއްވާފައި ނުވާ ކަމަށާއި، އެމަނިކުފާނު އަބަދުވެސް އިސްކަންދެއްވަނީ މެންބަރުންގެ މެދުގައި މަޝްވަރާކޮށްގެން ކަންކަން ނިންމުމަށް ކަމަށެވެ.


"އަދަދު" ނޫހަކީ މީގެ ކުރިންވެސް ސަރުކާރާއި ޕީއެންސީއާ ގުޅޭގޮތުން، އެއްވެސް އަސާސެއް ނެތް "ޚިޔާލީ" ވާހަކަތައް މަސްދަރުތަކާ ހަވާލާދީ ފަތުރަމުންދާ ނޫހެއްކަން ފާހަގަކުރެވެއެވެ. އެގޮތުން ކެބިނެޓް ބައްދަލުވުމެއް ނެތް ދުވަހެއްގައި ބައްދަލުވުމެއް ބޭއްވިކަމަށް ބުނެ މީގެ ކުރިން ފެތުރި ޚަބަރަކީވެސް އެފަދަ ކަނޑައެޅިގެން ބޮޑު ދޮގެއްކަން ވަނީ ހާމަވެފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow