ބޮޑުތަކުރުފާނު މަގުގައި ޕާކިންގް ޒޯނެއް ހަދަނީ
މާލޭގެ އުތުރު ފަރާތުގެ ކާރޫބާރޫ ބޮޑު ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގް މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ބޮޑުތަކުރުފާނު މަގުގައި 500 އަށްވުރެ ގިނަ އުޅަނދުގެ ޖާގައިގެ ޕާކިންގް ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ބާރުދުވެލީގައި ފަށައިފިއެވެ.
އެމްޓީސީސީގެ ޕްރޮޖެކްޓް މެނޭޖަރު ޝަރުވަޒް އަބްދުﷲ ހާމަކުރެއްވި ގޮތުގައި، މި އާ ޕާކިންގް އޭރިއާ ގާއިމުކުރަމުންދަނީ ބޭންކް އޮފް ސިލޯން (ބީއޯސީ) ކުރިމަތީގައެވެ. "ބެންކް އޮފް ސިލޯން ކުރިމަތީގައި 588 ސްލޮޓްގެ ޕާކިންގްއެއް، އެއީ 1400 އަކަފޫޓުގެ ސަރަހައްދެއްގައި ޕާކިންގްއެއް ހަދަނީ،" ޝަރުވަޒް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރާއިރު، މަގު ފެހިކުރުމަށްވެސް ހާއްސަ އިސްކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މަގުގެ ކުރިން ނިމުނު ސެގްމަންޓުތަކުން ނަގާފައިވާ ގަސްތައް އަލުން އިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން ބުނެއެވެ.
ބޮޑުތަކުރުފާނު މަގު އަލުން ތަރައްގީކުރުމުގެ މި ބޮޑު މަޝްރޫއަކީ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ މަގުގެ ބައިތައް ފުޅާކޮށް، ތާރު އަޅައިގެން މަގުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މީގެ މައިގަނޑު ބޭނުމަކީ މާލޭގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމެވެ.
މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ކަނޑައެޅުން ހިމެނެއެވެ.
ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު އަންނަ ޖުލައި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަކީ އެމްޓީސީސީގެ އަމާޒެވެ. މިހާތަނަށް ވަނީ އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް 380 މީޓަރުގެ ސަރަހައްދު ތަރައްގީކޮށް ނިންމާފައެވެ.
ރިއެކްޝަންސް





