
ޤާނޫނު އަސާސީ ބަދަލުކުރުމުގެ ބާރު އޮންނާނީ ސީދާ ރައްޔިތުންނަށް- ނަޝީދު
ޤާނޫނު އަސާސީ ބަދަލުކުރުމުގެ ބާރު އޮންނާނީ ސީދާ ރައްޔިތންނަށް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިއަދު އެކްސްގައި މިފަދައިން ވިދާޅުވެފައި މިވަނީ ޤާނޫނު އަސާސީ އިސްލާހުކޮށް, ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކެއް ބަޔާންކޮށް ފާސްކުރި ޤާނޫނުގެ މައްސަލައިގައި ސްޕްރީމް ކޯޓުން އެމައްސަލަ ބެލޭނެ ކަމަށް ކަނޑައަޅާފައި ވަނިކޮށެވެ.
އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަވެސް ގޮނޑިގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލޭނެ ކަމަށް އެކޯޓުން ވަނީ ކަނޑައަޅުއްވާފައެވެ. ޤާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި އެމައްސަލަ އަށް އިދިކޮޅު އެމްޑީޕީންވެސް ވަނީ ތަދައްޚަލު ވެފައެވެ. ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް އިން އެމައްސަލައަށް ތަދަޚަލުވި ނަމަވެސް އެޕާޓީން ވަނީ ކޯޓްގައި އެމައްސަލައިން ބޭރުވެފައެވެ. އޭގެފަހުން އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ގެންދަވަނީ އަމިއްލަ ވިސްނުން ހިއްސާ ކުރައްވަމުންނެވެ.
ކުރީގެ ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމަނިކުފާނަށް ލަފާކުރެވިފަ އޮންނަނީ ޤާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރު އޮތީ މަޖިލިސްއަށް ކަމަށް ކަމުގައެވެ.
" ޤާނޫނު އަސާސީގެ ނަޒަރުގައި ޤާނޫނު އަސާސީ ބަދަލުކުރާނަމަ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށް." ނަޝީދު ވިދާޅުވިއެވެ.
ރިއެކްޝަންސް






