ހުކުރު ދުވަހުވެސް ތެލަސީމިއާ ސެންޓަރުގެ ޚިދުމަތް މިހާރު ލިބޭނެ: ރައީސް
ކޮންމެ ހުކުރު ދުވަހެއްގެ ވަކި ގަޑިތަކެއްގައި ތެލަސީމިއާ ސެންޓަރުން ޚިދުމަތް ލިބެމުންދާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
މިކަމާއި ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިހިނގާ ފެބުރުވަރީ މަހުގެ 20 ވީ ހުކުރު ދުވަހުން ފެށިގެން، ދިވެހިރާއްޖޭގެ ތެލެސީމިއާ ސެންޓަރުގައި، ހުކުރު ދުވަހު ޚިދުމަތްދޭން ފަށާފައިވާ ކަމަށާއި، އެ މަރުކަޒުގެ 31 އަހަރުގެ ދިގު ތާރީޚުގައިވެސް، މީގެ ކުރިން، ރަސްމީ ސިފައެއްގައި ހުކުރު ދުވަހު ޚިދުމަތްދީފައިނުވާކަމަށް ވިދާޅުވެފައެވެ.
އެގޮތުން ނިމިދިޔަ ހުކުރު ދުވަހު އެކަނިވެސް، އެ މަރުކަޒުން، 14 މީހަކަށް ލޭ އެޅުމުގެ ޚިދުމަތްދީ، 5 މީހަކު ލޭ ހަދިޔާކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރަމަޟާން މަސް ނިމުމުންވެސް، ހުކުރު ދުވަހުގެ ވަކި ގަޑިތަކެއްގައި އެ މަރުކަޒުގެ ޚިދުމަތް ލިބޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި އިޞްލާޙީ ބަދަލުގެ ސަބަބުން، ހަފުތާ ބަންދުގައި އަތޮޅުތަކުން މާލެ އައިސް ލޭ އަޅަން ބޭނުންވާ ފަރާތްތަކަށާއި ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް، އެ ފުރުސަތު ފަހިވެގެންދާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތެލަސީމިއާ ބައްޔަށް ފަރުވާ ހޯދުމަށް ހުރި ފުރުޞަތުތައް އިތުރުކޮށްދެއްވައި، މިހާރު ލިބެންހުރި ޚިދުމަތްތައް ހަރުދަނާކުރައްވައި، ލުއި ގޮތްތައް ފަހިކޮށްދެއްވުމަކީ މި ސަރުކާރުގެ އިސް އަހުމިއްޔަތެކެވެ. އެގޮތުން ތެލެސީމިއާ ސެންޓަރުގެ ހިންގުމާއި ޚިދުމަތްތައް ހަރުދަނާކުރެއްވުމުގެ މަސައްކަތްތަކަކީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ކުރައްވާ މަސައްކަތްތަކެއްކަމުގައި ވަނީ ހަމަޖައްސަވާފައެވެ.
ރިއެކްޝަންސް









