ސަރުކާރުގެ ކޮންމެ ޕޮލިސީ ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ ނިންމުންތަކެއް- ރައީސުލްޖުމްހޫރިއްޔާ
ތެވެލި ފެއާ އޮންނާނީ މިމަހު 19 އަދި 20 ގައި
ސަރުކާރުން ނިންމާ ކޮންމެ ޕޮލިސީ ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ ނިންމުންތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2024" ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ނިންމާ ކޮންމެ ނިންމެވުމަކީ ޕްރޮފެޝަނަލް ނިންމުންތަކެއް ކަމަށެވެ. ތަޢުލީމީ ފަރާތްތަކާއި ދިރާސާކުރާ ފަރާތްތަކާއި ޕޮލިސީ ނިންމުންތައް ނިންމާ ފަރާތްތަކާއި ޕްރައިވެޓް ސެކްޓަރާއި އަދި ޢާންމު ފަރާތްތަކުންވެސް އެކުގައި ގުޅިގެން އެމަގަށް މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ރާއްޖޭގެ ތަރައްޤީގެ މޮޑެލް މި މުޖުތަމަޢަށް ފެތޭތޯ ބެލުމާއި މުސްތަޤުބަލުގެ ތަސައްވުރާއި ދިރާސާކުރުމުގެ ނިޒާމު ކުރިއެރުވުމާއެކު ރާއްޖޭގެ އަމިއްލަ ދިރާސާތައް ކުރިއެރުވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ދިރާސާކުރުމުގެ ބިންގަލުގެ މައްޗަށް ބިނާވެފައިވާ މުސްތަޤުބަލެއް ބިނާކުރުމަށް ޤައުމީ ރިސާޗް ކައުންސިލެއް އުފެއްދުމަށް މަސައްކަތްކުރައްވަމުން ދާކަމަށް ވިދާޅުވިއެވެ. މި ސަރުކާރުން ރިސާޗް ކުރިއެރުވުމަށް އިސްކަންދެއްވާކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދިރާސާކުރުން ކުރިއެރުވުމާއި އެކަމަށް އެއްބާރުލުންދިނުމާއި އަދި ސުވާލުކުރުމަށާއި ޢިލްމު ހޯދުމަށާއި ޤައުމު ކުރިއެރުވުމުގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއި އެއްބާރުލެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި އެކުގައި މަސައްކަތްކޮށް، ބަދަލުވަމުންދާ ދުނިޔޭގައި ރާއްޖެއަށް އީޖާދީގޮތެއްގައި ފާގަތިކަމާއެކު ކުރިއަރައި ދެވޭނެކަމަށް ދެކެވަޑައިގަންނަވާކަމުގައި އެމަނިކުފާނު ވިދާޅިވިއެވެ.
މިއީ ޤައުމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ ބާއްވާ 7 ވަނަ ފަހަރެވެ. މި އަހަރުގެ މި މަހާސިންތާ ކުރިޔަށްދަނީ މި އޮގަސްޓްމަގުގެ 19އިން 20 އަށެވެ. މި އަހަރުގެ މަހާސިންތާގެ ތީމަކީ "ބްރިޖިންގ ބައުންޑަރީސް: އެކްސްޕްލޯރިންގ ސިނާޖީސް އެކްރޮސް ރިސާޗް ޑިސިޕްލިންސް" އެވެ
ރިއެކްޝަންސް