ދެވަނަ ކުއާޓަރުގައި ވީއައިއޭއިން 18،400 އަށްވުރެ ގިނަ ޓަނުގެ މުދާ އުފުލައިފި

ދެވަނަ ކުއާޓަރުގައި ވީއައިއޭއިން 18،400 އަށްވުރެ ގިނަ ޓަނުގެ މުދާ އުފުލައިފި

6 hours ago - 16:15
Advertisement
Advertisement

މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން 18،400 އަށްވުރެ ގިނަ ޓަނުގެ މުދާ އުފުލާފައިވާ ކަމަށް އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.


އެމްއޭސީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ދެވަނަ ކުއާޓަރުގައި ޖުމުލަ 18،457 ޓަނުގެ މުދާ ވީއައިއޭ މެދުވެރިކޮށް ވަނީ އުފުލާފައެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 2 އިންސައްތައިގެ ކުރިއެރުމެކެވެ.


މި މުއްދަތުގައި އެންމެ ގިނައިން އުފުލާފައިވަނީ ރާއްޖެއަށް އެތެރެކުރި މުދާ ނުވަތަ އިންބައުންޑް ކާގޯއެވެ. އެއީ ޖުމުލަ 13،542 ޓަނުގެ މުދަލެވެ. މީގެއިތުރުން ރާއްޖެއިން ބޭރަށް ފޮނުވި އައުޓްބައުންޑް ކާގޯގެ ގޮތުގައި 4،915 ޓަނުގެ މުދާ ވަނީ އުފުލާފައެވެ.


އެމްއޭސީއެލްގެ ހިސާބުތަކުން ދައްކާގޮތުގައި ޓްރާންޝިޕްމެންޓް މުދަލުގެ ހަރަކާތްތަކަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން ދެވަނަ ކުއާޓަރުގައި 3،650 ޓަނުގެ ޓްރާންޝިޕްމެންޓް މުދާ އުފުލާފައިވާއިރު، މިއީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 26 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި އެއަރ-ޓު-އެއަރ މެދުވެރިކޮށް އުފުލި 3،116 ޓަނުގެ މުދަލާއި، ސީ-ޓު-އެއަރ މެދުވެރިކޮށް އުފުލި 534 ޓަނުގެ މުދާ ހިމެނެއެވެ. ހަމައެއާއެކު، މުދާ އުފުލާ ބޯޓުތައް ނުވަތަ ފްރެއިޓަރ މޫވްމަންޓްތަކުގެ އަދަދު ވެސް 12 އިންސައްތަ އިތުރުވެ، 94 އަށް އަރާފައިވެއެވެ.


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މުދާ އުފުލުމުގެ ޚިދުމަތް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ތަޞައްވުރެކެވެ. މި ތަޞައްވުރުގެ ދަށުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ މެދުތެރޭގައި ޒަމާނީ އައު ކާގޯ ޓާމިނަލެއްގެ ޚިދުމަތް ފަށާފައިވާއިރު، މިހާރު އެތަނުގެ ކެޕޭސިޓީއަކީ 120،000 ޓަނެވެ. އަދި ސަރުކާރުގެ އަމާޒަކީ މި ޚިދުމަތް އިތުރަށް ފުޅާކޮށް، ކާގޯ ހޭންޑްލިންގ ކެޕޭސިޓީ 300،000 ޓަނަށް އިތުރުކުރުމެވެ.


މީގެއިތުރުން، އެމްޕީއެލްއާއި އެމްއޭސީއެލް ގުޅިގެން ފަށާފައިވާ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ވެސް ދަނީ ބާރަށް ކުރިއަރަމުންނެވެ. މި ޚިދުމަތުގައި މިހާރު 11 އެއަރލައިނަކުން ބައިވެރިވެފައިވާއިރު، 4 ޤައުމަކުން މުދާ ރާއްޖެ އެތެރެކޮށް، ވައިގެ މަގުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެކްސްޕޯޓް ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement