ބްރިޖް ހައިވޭގައި އަގުބޮޑު ލަމްބޯގިނީ ކާރެއް ކޮންޓްރޯލުން ނެއްޓި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ބްރިޖް ހައިވޭގައި އަގުބޮޑު ލަމްބޯގިނީ ކާރެއް ކޮންޓްރޯލުން ނެއްޓި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

10 hours ago - 12:13
Advertisement
Advertisement

ސިނަމާލެ ބްރިޖުން ހުޅުމާލެއަށް އަރާ ހަލިމަގު (ހައިވޭ) ގައި އަގުބޮޑު ލަމްބޯގިނީ ކާރެއް ކޮންޓްރޯލް ނުވެ ގޮސް، އެތަނުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެެެއް ހިނގައިފިއެވެ.


މި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބްރިޖް ހަލިމަގުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 08:42 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓްގައި ހޮޅިދަނޑިތަކުގައި ޖެހުމަށްފަހު ކާރު އޮތީ ފުރޮޅާލާފައި ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.


މި ހާދިސާ ހިނގި ވަގުތު ކާރުގައި ބޮޑު މީހަކާއި ކުޑަކުއްޖަކު އިން ކަމަށާއި، އެ ދެ މީހުންނަށް މިހާރު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.


"މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވަނީ މައުލޫމާތު ލިބިފައި. ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.


މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ކާރު ގޮސް ޖެހިފައިވަނީ މަގުގެ އެއްފަރާތުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުގައެވެ. މި ހާދިސާގައި ކާރުގެ ބައިތައް ނެއްޓި އެ ސަރަހައްދަށް ބުރައިގެން ގޮސްފައިވާއިރު، އެ ސަރަހައްދުގެ ސޯލާ ޕެނަލްތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.


މި އެކްސިޑެންޓުގައި ހިމެނޭ "ލަމްބޯގިނީ ރިވެލްޓޯ" މަރުކާގެ މި ކާރަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ އަގުބޮޑު އެއް ކާރެވެ. ޑިއުޓީ އާއި ފްރެއިޓް ހިމަނައިގެން މި ކާރުގެ އަގު ގާތްގަނޑަކަށް 19 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement