ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު ބިލް ތަސްދީޤު ކުރައްވައިފި
ލާމަރުކަޒީ ބިލް ރައީސް ތަސްދީގު ކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު ބިލް ތަސްދީޤު ކުރައްވައިފި

ތަސްދީޤު ކުރުމާއެކު ބިލަށް އަމަލުކުރަން ވަނީ ފަށާފަ

2 hours ago - 08:45
Aug 15, 2025 - 08:45
Advertisement
Advertisement

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ތަސްދީޤު ކުރައްވައިފިއެވެ. ރޭ އެމަނިކުފާނު ބިލް ތަސްދީޤު ކުރެއްވީ އިއްޔެ ބ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރުފުޅަށް ފަހުއެވެ.

އެބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވީ ބައެއް ކައުންސިލްތަކުން އެބިލް ތަސްދީޤު ނުކުރުމަށް ގޮވާލައްވާފައި ވަނިކޮށެވެ. އަދި އިދިކޮޅު އެމްޑީޕީންވެސް އެބިލާމެދު ކަންބޮޑުވުން ފާޅުކުރައްވާ ބިލް ތަސްދީގު ނުކުރަން ގޮވާލައްވާފައި ވަނިކޮށެވެ. ނަމަވެސް އިއްޔެވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބިލް ދިފާއުކުރައްވާ ވާހަކަ ދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއިސްލާހުތަކަކީ ރައްޔިތުން ބާރުވެރި ކުރުވަން ގެންނަވާ އިސްލާހު ތަކެއް ކަމަށެވެ. އެއިސްލާހުތަކުގެ ސަބަބުން ރައްޔިތުން ބާރުވެރިވާނެކަން ފާހަގަކުރައްވާ ބައެއް މިސާލުތައް ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ގެންނަ އިސްލާހުތަކަކީ ރައްޔިތުންގެ ފަޅީގައި ތިއްބަވައިގެން ގެންނަ އިސްލާހުތަކެއް ކަމަށެވެ. ނަމަވެސް އެއީ ރައްޔިތުންނަށް ކޮށްދޭ ކަމެއް ނޫން ކަމަށް ބައެއް ބޭފުޅުން އެއިސްލާހުތައް 'ލޭބަލް' ކުރަނީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

Advertisement
Advertisement

"ކައުންސިލްތައް ހިންގަން ޖެހޭނީ ރައްޔިތުންނަށް ފައިދާ ވާގޮތަށް, ރައްޔިތުން ބާރުވެރި ކުރާ ގޮތަށް. އަޅުގަނޑުމެން އެންމެފަހުން ސަރުކާރުގެ ފަރާތުން ހުށަހަޅައިގެން މިހާރު ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައި އޮތް އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ މުޅިންވެސް މިކަން" ރައީސް ވިދާޅުވިއެވެ.

އެއް އިސްލާހަކީ ބައެއް ކައުންސިލްތަކުން އުފައްދާފަހުރި ލޯކަލް އޮތޯރިޓީ ކުންފުނުނި ތަކުން ޢާއްމު ފަރުދުން ހިންގާ ކުދިކުދި ވިޔަފާރިތައް ހިންގާތީ ގެންނެވި އިސްލާހެއް ކަމަށް ރައީސް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ފާހަގަކުރެއްވީ ކަންމަތީ ފިހާރަ ހިންގުން ފަދަ ކަންކަން ކުރަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ އެހެން ހެދުމުން ރަށުގެ ޢާއްމު ރައްޔިތުންގެ މުއްސަނދިކަމަށް އޮތް މަގުތަކަށް ހުރަސް އެޅޭ ކަމަށެވެ. ސަރުކާރުން ގެންނެވި އިސްލާހަކީ ރަށްރަށުގެ ކުދި ވިޔަފާރިތަކުން ކުރާ ވިޔަފާރިތައް ކައުންސިލް ކުންފުނިތަކަށް ނުކުރެވޭ ގޮތް ހެދުމަށް ގެނައި އިސްލާހެއް ކަމަށް ވިދާޅުވިއެވެ.

 

އިސްލާހު އޮތްގޮތުން ލޯކަލް ކައުންސިލްތަކުގެ ކުންފުނިތަކަށް ކުރެވޭނީ މަދުވެގެން 10 މިލިއަން ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓްތަކުގެ ވިޔަފާރިއެވެ. ދެވަނަ އިސްލާހެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ރައްޔިތުންގެ ޢާއްމު ހިދުމަތް ދިނުމަށް ބޭނުންކުރާ ބިންތަކުން ކުލި ނަގާ މައްސަލަ ހައްލުކުރަން ގެނައި އިސްލާހެވެ. އެފަދަ ބިންތަކުން ކުލި ނެގުމުން ރައްޔިތުންނަށް ދޭ ޚިދުމަތުގެ އަގުބޮޑުވާ ކަން ފާހަގަކުރައްވާ ވިދާޅުވީ އެއިސްލާހުގެ ބޭނުމަކީ އެކަން ހުއްޓުވުން ކަމަށެވެ.

މި ބިލަކީ، މިމަހުގެ ހަވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.  

މި ބިލުގައި، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތުގައި ވަކި ޝަރުޠުތަކެއް ފުރިހަމަވާންޖެހޭނެ ކަމުގައި ބަޔާންކޮށް، ޤާނޫނާ ތަޢާރުޟުވާނަމަ، މި އިސްލާޙަށް ޢަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، އެފަދަ ވިޔަފާރީގެ ޙަރަކާތްތައް ހުއްޓާލަންވާނެ ކަން ބަޔާންކޮށްފައިވެއެވެ.

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ ޢިމާރާތްތަކުން، ކައުންސިލްތަކަށް ކުއްޔެއް ނުނެގޭނެކަމަށްވެސް މިބިލްގައި ބަޔާންކޮށްފައި ވެއެވެ.

އަދި ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައްބަޔާންކޮށް މާއްދާއެއް އިތުރުކޮށްފައިވެއެވެ. އެގޮތުން، ލޯކަލް ކައުންސިލްތަކުގެ ޢުމުރު ހަމަވުމާ ދެމެދު އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކައުންސިލްތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، ކައުންސިލްތަކުގެ އިޙްތިޞާޞްގައި ހިމެނޭ ބިމާއި، ފަޅާއި، ފަރު ސަރަޙައްދު ކުއްޔަށްދިނުމާއި، ކައުންސިލްތަކުގެ ތަރައްޤީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްޤީގެ މަޝްރޫޢުތައް ފެށޭނީ، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement