
ވައުދުތައް ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް މުއިއްޒު ބ.އަތޮޅު ދަތުރު ނިންމަވާލައްވައިފި
ވައުދުތައް ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް މުއިއްޒު ބ.އަތޮޅު ދަތުރު ނިންމަވާލައްވައިފިއެވެ. ބ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި 4 ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފަހުން ވަޑައިގެންނެވީ މިއަދު މާޅޮހަށެވެ.
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ މާލެ ވަޑައިގަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ބ.އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށް ކަމަށްވާ، ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހަށް ވަޑައިގެންނެވިއެވެ. އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރިޔާސީ ވައުދުތައް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ކުރިއަށް މިއޮތް ދެ އަހަރަކީ ވައުދު ފުއްދެވުމުގެ ދެ އަހަރު ކަން ފާހަގަކުރެއްވިއެވެ. އަދި އިތުރު ވައުދުތައްވެސް ވެވަޑައިގެންނެވިއެވެ. މިދަތުރުފުޅުގައި ބައެއް މަޝްރޫޢުތައް އިފްތިތާހުކުރައްވާ, ބައެއް ޚިދުމަތްތައް ރަށްރަށުގައި ފައްޓަވައިދެއްވިއެވެ.
މި ދަތުރުފުޅުގައި ބޭއްވެވި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުތަކުގައި، ޙަޤީޤީ މާނައިގައި ލާމަރުކަޒީ ނިޒާމު ޤާއިމުކުރައްވައި، ރައްޔިތުން ބާރުވެރިކުރުމަށް އެ މަނިކުފާނު ގެންގުޅުއްވާ ސިޔާސަތު ތަކުރާރުކުރެއްވިއެވެ. އަދި ތަރައްޤީގެ ތަޞައްވުރު ޙަޤީޤަތަށް ހެދުމުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ރިއެކްޝަންސް






