މާލޭ ބަނދަރުން ކަނޑަށް ވެއްޓުނު ކޮންޓެއިނަރުތަކުގެ ތެރެއިން 3 ކޮންޓެއިނަރެއް އަދިވެސް ނުފެނޭ
މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް ބާޖަކުން ކަނޑަށް ވެއްޓުނު ފަސް ކޮންޓެއިނަރުގެ ތެރެއިން ތިން ކޮންޓެއިނަރެއް އަދިވެސް ފެނިފައިނުވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ މާލެ ސަރަހައްދަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް ވިއްސާރަކުރަމުން ދިޔަ ވަގުތެއްގައެވެ. ފުލުހުން ވިދާޅުވި ގޮތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 11:00 ގެ ފަހުންނެވެ.
ވެއްޓުނު ކޮންޓެއިނަރުތައް ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތައް ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ. ފުލުހުން ލަފާކުރާ ގޮތުގައި މި ކޮންޓެއިނަރުތައް އޮޔާދާނެ ކަމަށް ބެލެވެނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދަށެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ފުލުހުންނާއި އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ.
އެމްޕީއެލްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި ކަނޑަށް ވެއްޓިފައިވަނީ މުދާ ނެތް، ހުސް ކޮންޓެއިނަރުތަކެކެވެ. ނަމަވެސް ބާޖުގައި ހުރި ކޮންޓެއިނަރުތައް ކަނޑަށް ވެއްޓެން މެދުވެރިވި ސީދާ ސަބަބެއް އެ ކުންފުނިން އަދި ހާމައެއް ނުކުރެއެވެ. ބެލެވޭ ގޮތުގައި މިއީ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ހިނގި ހާދިސާއެކެވެ.
މި ހާދިސާއާ ގުޅިގެން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން، ވަކިން ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ދަތުރުކުރާއިރު ނުރައްކާތެރި ހާދިސާއެއް ހިނގިޔަނުދިނުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދު ދެމުންނެވެ.
ރިއެކްޝަންސް





