އުލިގަމުގައި ތަރައްޤީކުރާ ޔޮޓް މެރީނާއާއެކު އުތުރު ވެގެންދާނީ ވިޔަފާރީގެ މުހިންމު ހަބަކަށް: މިނިސްޓަރ ސަޢީދު

އުލިގަމުގައި ތަރައްޤީކުރާ ޔޮޓް މެރީނާއާއެކު އުތުރު ވެގެންދާނީ ވިޔަފާރީގެ މުހިންމު ހަބަކަށް: މިނިސްޓަރ ސަޢީދު

2 hours ago - 12:41
Advertisement
Advertisement

ހއ. އުލިގަމުގައި އަލަށް ތަރައްޤީކުރާ ޔޮޓް މެރީނާއާއެކު ރާއްޖޭގެ އުތުރަކީ ރެކްރިއޭޝަނަލް އަދި ވިޔަފާރި ބޭނުންތަކަށް ބޭނުންކުރާ ޔޮޓްތަކުގެ މުހިންމު ހަބަކަށް ވެގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.


ވަޒީރު ސަޢީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަލަށް ޤާއިމުކުރެވޭ މި ޔޮޓް މެރީނާގެ ސަބަބުން އުލިގަމާއި މުޅި އުތުރުގެ ސަރަހައްދު ޔޮޓްތަކުގެ މައި މަރުކަޒަކަށް ބަދަލުވެގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން، އެފަދަ އުޅަނދުފަހަރަށް ބޭނުންތެރި، ރައްކާތެރި އަދި ލުއިފަސޭހަ ބަނދަރެއްގެ ޚިދުމަތް ކަށަވަރުވެގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.


ރާއްޖޭގެ އެންމެ އުތުރުގައި، ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރުގެ މަގުތަކާ ކައިރީގައި އޮންނަ އުލިގަމަކީ ރާއްޖޭން ބޭރުން އަންނަ ޔޮޓުތައް އާންމުކޮށް ބަނދަރުކުރާ މަންޒިލެކެވެ. ކޮންމެ އަހަރެއްގެވެސް ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި ގިނަ ޢަދަދެއްގެ ޔޮޓްތައް އެރަށަށް ބަނދަރުކޮށް، ގިނަ އަދަދެއްގެ ފަތުރުވެރިން އެރަށަށް ޒިޔާރަތްކުރެއެވެ. ނަމަވެސް އެރަށަށް ފައިބާ ފަތުރުވެރިންނަށް އެކަށީގެންވާ ޚިދުމަތްތައް ދެވޭނެ އިންތިޒާމުތައް ޤާއިމުވެފައި ނެތުމަކީ ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީކޮށް، މި ޚިދުމަތް ފުޅާދާއިރާއެއްގައި ދީގެން އިޤްތިޞާދީ ބޮޑު ނަފާއެއް ހޯދުމެވެ.


މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ ބިން ހޯދުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އުލިގަމު ކައުންސިލާ ދެމެދު މިހާރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި މި މަސައްކަތް ކުރުމަށް ސަސް އީކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާއިރު، ޔޮޓު މެރީނާ ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފެށުމަށް އެމްޕީއެލްއިން ދަނީ ތައްޔާރުވަމުންނެވެ.


އެމްޕީއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެއްފަހަރާ 18 ޔޮޓަށް ބަނދަރުކުރެވޭނެ ފަދަ ޒަމާނީ މެރީނާއެއް ތަރައްޤީ ކުރެވޭނެއެވެ. މި މެރީނާއިން ޔޮޓުފަހަރަށް ބޭނުންވާ މައިގަނޑު ޚިދުމަތްތަކުގެ އިތުރުން، އިމިގްރޭޝަނާއި ކަސްޓަމްސްގެ ޚިދުމަތްވެސް ލިބެން ހުންނާނެއެވެ.


މީގެއިތުރުން، އުލިގަމުގައި ޔޮޓް މެރީނާ އެޅުމަށް ޚާއްޞަ ސަރަޙައްދެއް ކަނޑައަޅާފައިވާއިރު، މޫދުގައި އަޅާ ފްލޯޓިން ޕްލެޓްފޯމްގެ ފުޅާމިނުގައި 3 މީޓަރު ހުންނާނެ ކަމަށާއި، އެ ސަރަޙައްދަށް ކައިރި ކުރެވޭނީ 12 މީޓަރާއި 15 މީޓަރާ ދެމެދުގެ ދިގުމިން ހުންނަ އުޅަނދުފަހަރަށް ކަމަށްވެސް އެމްޕީއެލްއިން ވަނީ ހާމަކޮށްފައެވެ.


މި މަޝްރޫޢު ފުރިހަމަވެގެން ދިއުމަކީ ރާއްޖޭގެ މެރިޓައިމް ސިނާޢަތަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement