
ބ.އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
7 އަތޮޅެއްގެ ހުރިހާ ރަށެއްގައި ވަނީ ޚީދުމަތް ފަށާފަ
ބ.އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބ.އަތޮޅުގައި އެންމެފަހުން އޭޓީއެމްގެ ޚިދުމަތް ފެށީ މާޅޮހުގައެވެ. އެރަށުގައި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުއެވެ.
މާޅޮހަކީ ރައީސުލްޖުމްހޫރިއްޔާ ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންމެ ފަހުން ވަޑައިގެންނެވި ރަށެވެ. ބ.އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން 10 ރަށުގައި ޚިދުމަތް ފެށިއެވެ. އަނެއް ތިން ރަށުގައި ކުރިން ވަނީ ޚިދުމަތް ފަށާފައެވެ.
މިހާތަނަށް ރާއްޖޭގެ 7 އަތޮޅެއްގެ ހުރިހާ ރަށެއްގައި ވަނީ އޭޓީއެމް ބަހައްޓާ ޚިދުމަތް ދޭން ފަށަފައެވެ. އެހެން އަތޮޅު ތަކުގައި ޚިދުމަތް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ.
މިއަހަރުގެ މިހާތަނަށް ޚިދުމަތް ފުރިހަމަކުރި އަތޮޅު ތަކަކީ ދ,ހއ,ނ,މ,ށ,ކ އަދި ބ އަތޮޅެވެ. މިއަހަރުގެ މިހާތަނަށް 47 ރަށެއްގައި އޭޓީއެމް ބެހެއްޓިފައިވާ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ އޭޓީއެމް މަޝްރޫޢުގެ ސަބަބުން ބޭންކަށްވެސް މުހިއްމު ފައިދާތަކެއް ލިބެމުންދާ ކަމަށެވެ. އޭޓީއެމް މެދުވެރިކޮށް ބޭންކަށް ވަން ފައިސާ އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިއީ ގިނަ ރައްޔިތުންތަކެއް މާލީ ނިޒާމްގައި ބައިވެރިވަމުން ދާކަމުގެ ހެއްކެއް" ޝަރީފް ވިދާޅުވިއެވެ.
ރިއެކްޝަންސް






