އުންމަތުގެ ދިފާޢުގައި އިސްނަގާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދަމަހައްޓާނަން- ރައީސް މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު: ފޮޓޯ-ރައީސް އޮފީސް

އުންމަތުގެ ދިފާޢުގައި އިސްނަގާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދަމަހައްޓާނަން- ރައީސް މުއިއްޒު

20 days ago - 21:31
Sep 23, 2025 - 21:32
Advertisement
Advertisement

އުންމަތުގެ ދިފާޢުގައި އިސްނަގާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދަމަހައްޓަން ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރޮއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖެ އިސްލާމުވި ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

އެމަނިކުފާނު ވިދާޅުވީ އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި އަދި އުންމަތުގެ ދިފާޢުގައި އިސްނަގާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުހިންމު މުނާސަބަތަކީ މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް ކަމަށެވެ.

މި މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް، މުޅި ރާއްޖޭގައި އިސްލާމީ އަދި ޤައުމީ ރޫޙު އާލާވާނެ، އަދި ރައްޔިތުންގެ ބަދަހިކަން އިތުރުކޮށްދޭނެ އެތައް ޙަރަކާތެއް ސަރުކާރުން ހިންގުމަށް ގަސްދުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި ވޭތުވި 9 ޤަރުނުގެ ތެރޭގައި، ދިވެހީންނާމެދު އެކި ދިރާސާތައް ކުރެއްވި ބޭރުގެ މުއައްރިޚުން އެއްބަސްވާ އެއް ޙަޤީޤަތަކީ، ދިވެހީންނަކީ މެހުމާނުންނަށް ކަމޭހިތާ، އަމާންކަމާއި ހަމަޖެހުން ނަގަހައްޓާ، ސާފުތާހިރު، އުޅުންހުރި، ގޮތްހުރި ބައެއްގެ ގޮތުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ރީތިކަން އެތައް ގުނައަކަށް ބަބުޅާ ވިދަނީ، އަދި ރާއްޖޭގެ ހިތްގައިމުކަން ދެވަނައެއް ނެތް މިސާލެއްގެ ގޮތުގައި ދުނިޔެއަށް ފެންނަނީ، ދިވެހީންގެ ކިބައިގައި ޒަމާނުއްސުރެ އަށަގެންފައިވާ އިސްލާމީ އަޚުލާޤުގެ އެ ރީތި ސިފަތަކާވެސް އެކު ކަމަށެވެ.

Advertisement
Advertisement

ދިވެހިރާއްޖޭގެ ކަންކަން ހެޔޮ މަގުން ހިންގުމުގައި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ، ޢުމްރާނީ ތަރައްޤީ ޤައުމަށް ގެންނަ ފަދައިން، ލަފާދާރު ދިވެހި ރައްޔިތެއް ބިނާކުރުމާއި ތަޢުލީމާއި ތަރުބިއްޔަތު، ދަރީންނަށް ދިނުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަކު އަނެކަކާ ރީތި ބަހުން މުޚާޠަބުކުރާ، ދީނަށް ލޯބިކުރާ، އެއްބައިވަންތަ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށްވެސް ސަރުކާރުން މަސައްކަތް ކުރައްވާކަމަށް ވިދާޅުވިއެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ސަނަތުން ކޮންމެ ރަބީޢުލްއާޚިރު މަހެއްގެ 2 ވަނަ ދުވަހެވެ. ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭނީ 1448 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހުއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement