
ސްކޭމްތަކާ ދެކޮޅަށް ހިންގި ބައިނަލްއަޤްވާމީ އޮޕަރޭޝަންގައި ދިވެހި ފުލުހުންނަށް ބޮޑު ކާމިޔާބީއެއް
އެންމެ ގިނަ ފައިސާ ރިކަވަކުރީ ރާއްޖެއިން
ސްކޭމްތަކާ ދެކޮޅަށް ހިންގި ބައިނަލްއަޤްވާމީ އޮޕަރޭޝަންގައި ދިވެހި ފުލުހުން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. ފުލުހުން މިއަދު ވިދާޅުވީ ބައިނަލްއަގުވާމީ ފެންވަރުގައި ހިންގުނު ފުރަތަމަ ފްރޮންޓިއަރ+ އޮޕަރޭޝަންގައި ބައިވެރިވެ، ދިވެހި ފުލުހުންގެ ޚިދުމަތުން މުހިންމު ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.
ފްރޮންޓިއަރ+ އޮޕަރޭޝަންގެ މުއްދަތުގައި ދިވެހިރާއްޖޭގައި 199 ސްކޭމްގެ މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލަތަކުގައި ޖުމްލަ 2.91 މިލިއަން ރުފިޔާގެ ގެއްލުން ލިބުނެވެ. އޭގެ ތެރެއިން 640,000 ރުފިޔާ އަނބުރާ ހޯދިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މިއީ 21 އިންސައްތައިގެ ރިކަވަރީ ރޭޓެކެވެ. މިއީ އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ގައުމުތަކުގެ ތެރެއިން އެންމެ މަތީ ރޭޓްކަން ފުލުހުން ފާހަގަކުރެއްވިއެވެ.
މި އޮޕަރޭޝަނުން ބައިނަލްއަގުވާމީ ފެންވަރުގައި ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެވިފައިވާ ކަމަށާއި ކުރިއަށްއޮތް ތަނނުގައި މިފަދަ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމަށް ބައިވެރިވި ގައުމުތަކުގެ މެދުގައި މަޝްވަރާކުރެވިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
އޮޕަރޭޝަން ފްރޮންޓިއަރ+ ގެ މައުލޫމާތު ހިއްސާކުރުމަށް މިމަހުގެ 3 ވަނަ ދުވަހު ހޮންކޮންގްގައި ބޭއްވި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު އަދި ސްކޭމް އިންވެސްޓިގޭޝަންގެ ހެޑް ވެރިޔާ އިންސްޕެކްޓަރ އޮފް ޕޮލިސް ޝާމް މުޙައްމަދު ބައިވެރިވެވަޑައިގަތެވެ.
ފްރޮންޓިއަރ+ ނެޓްވޯކްގައި ބައިވެރިވުމަކީ ރާއްޖޭގައި ސްކޭމްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށާއި, ބައިނަލްއަގުވާމީ ފެންވަރުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމަކީ ސްކޭމްތަކާ ދެކޮޅަށް އަވަހަށް ފިޔަވަޅު އެޅުމަށާއި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ގިނަ ގައުމުތަކެއްގެ އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން މިއަހަރުގެ އޭޕްރީލް 28 އިން މެއި 28 އަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 7 ގައުމަކުން ބައިވެރިވެ، އިންޓަރނޭޝަނަލް ސްކޭމްތަކާ ދެކޮޅަށް މަސައްކަތް ކުރިއެވެ.
ފްރޮންޓިއަރ+ ނެޓްވޯކަކީ ސިންގަޕޫރުގެ އެންޓި-ސްކޭމް ކޮމާންޑްގެ އިސްނެގުމުގެ ދަށުން އުފެދުނު ނެޓްވޯކެކެވެ. މިހާރު މި ނެޓްވޯކްގައި ސިންގަޕޫރު، އޮސްޓްރޭލިއާ، ކެނެޑާ، ހޮންކޮންގ، ތައިލެންޑް، ކޮރެއާ، މެލޭޝިއާ، އިންޑޮނޭޝިއާ، މަކާއޯ އަދި ދިވެހިރާއްޖެ ހިމެނެއެވެ. މި ނެޓްވޯކްގެ ބޭނުމަކީ އޮޅުވާލައިގެން ހިންނގާ މާލީ މުއާމަލާތްތަކާ ދެކޮޅަށް ގައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމާއި، އިންޓެލިޖެންސް ހިއްސާކުރުމާއި، ސްކޭމް ހުއްޓުވުމަށާއި ފައިސާ އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ އޮނިގަނޑެއް ގާއިމުކުރުމެވެ.
ރިއެކްޝަންސް






