
އިންޓަރ މިލާންގެ ޓަރޭމީ އީރާންގައި ތާށިވެ ކްލަބް ވޯލްޑްކަޕް ގެއްލިދާނެ!
އިންޓަރ މިލާންގެ ކުރިއަށްކުޅޭ އީރާންގެ މެޙްދީ ޓަރޭމީ އީރާން-އިޒްރާއިލްގެ ހަނގުރާމަ އާއެކު އީރާންގައި ތާށިވެ, އޭނާއަށް އިއްޔެ އެމެރިކާގައި ފެށި ކްލަބް ވޯލްޑްކަޕް ގެއްލިދާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ބުރާސްފަތި ދުވަހު އިޒްރާއިލްއިން އީރާނަށް ދިން ހަމަލާތަކާއެކު ފާއިތުވި ދެދުވަހުވެސް ދެފަރާތުން ދަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންނެވެ. އީރާނުގެ ވައިގެ ސަރަހައްދު ބަންދުކޮށްއިވާއިރު އެޤައުމުގެ ހުރިހާ އެއަރޕޯޓެއްގެ ބޯޓުތައްވެސް އޮތީ ގްރައުންޑްކޮށްފައެވެ.
ހޮނިހިރު ދުވަހު ޓަރޭމީ އީރާނުން އެމެރިކާގެ ލޮސްއެންޖެލިސްއަށް ދަތުރުކުރަން އޮތް ފްލައިޓްވެސް ވަނީ ކެންސަލްވެފައެވެ. ޓަރޭމީ ފިޔަވައި އިންޓަރ މިލާންގެ ހުރިހާ ކުޅުންތެރިންމިހާރު ތިބީ ލޮސް އެންޖެލިސް ގައެވެ.
ވޯލްޑްކަޕް ކޮލިފައިންގައި އަންގާރަދުވަހު ޓަރޭމީ ވަނީ އުތުރު ކޮރެއާ އާ ދެކޮޅަށް އީރާން މޮޅުވި މެޗުގައި ގޯލްވެސް ޖަހާފައެވެ.
ބުދަ ދުވަހު, ކަލްބް ވޯލްޑްކަޕްގައި އިންޓަރ މިލާންގެ ފުރަތަމަ މެޗުގައި މެކްސިކޯގެ މޮންޓެރޭ އަށް ދެކޮޅަށް ނިކުންނަ މެޗު 32 އަހަރުގެ ޓަރޭމީއަށް ގެއްލޭނެކަމަށް އިޓަލީގެ ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ. އަދި އީރާނުގެ ވައިގެ ސަރަހައްދު ހުޅުވާލި ނަަމަވެސް ކްލަބް ވޯލްޑްކަޕްގެ އެއްވެސް މެޗަކުން ޓަރޭމީ ނުފެންނާނެކަމަށްވެސް އިޓަލީގެ ބައެއް ނޫސްތަކާ ހަވާލާދީ އީއެސްޕީއެންގައި ރިޕޯޓްކޮށްފައި ވެއެވެ.
ޓަރޭމީ އެފްސީ ޕޯޓޯއިން އިންޓަރ މިލާން އާ ގުޅުނީ މިދިޔަ އަހަރުއެވެ.
ރިއެކްޝަންސް






