
އެސްޓަން ވިލާ އަތުން ލިވަޕޫލަށް ޕޮއިންޓެއް
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެސްޓަން ވިލާއާ ވާދަކުރި މެޗު 2-2 ން އެއްވަރުވެ ޕޮއިންޓަކުން ފަރުޖައްސާލަށް ލިވަޕޫލަށް ޖެހިއްޖެއެވެ.
ތާވަލްގެ އެއްވަނަ މަޤާމުގައި ބޮޑު ލީޑެއްގައި އޮތް ލިވަޕޫލަށް 10 ޕޮއިންޓަށް ލީޑު ފުޅާކުރަން ލިބުނު ފުރުޞަތު ގެއްލުނު ނަމަވެސް, މިހާރުވެސް އެއްވަނައިގައި އޮތީ 8 ޕޮއިންޓްގެ ލީޑެއްގައެވެ. 26 މެޗުން 61 ޕޮއިންޓްގައި ލިވަޕޫލް އޮތް އިރު، އާސެނަލް ދެވަނައިގައި އޮތީ 25 މެޗު ކުޅެގެންނެވެ. ޕޮއިންޓްގެ ފަރަގު ފަސް ޕޮއިންޓަށް ކުޑަކުރަން އާސެނަލްއިން ހޮނިހިރު ދުވަހު ނިކުންނާނީ ވެސްޓްހެމް ޔުނައިޓަޑާ ދެކޮޅަށެވެ.
އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މެޗުގެ 29 ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑު ނަގައިދިނީ މުޙައްމަދު ސަލާޙްއެވެ. ގޯލް ކާމިޔާބުކޮށްދިނުމަށް އެހީތެރިވި ޑިއޯގޯ ޖޮޓާ އަށް އޭގެ ފަހުން ގޯލެއްޖަހާނެ ރަނުގެ ފުރުޞަތެއްވެސް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
ފުރަތަމަ ހާފު ނިމުގެ ކުރިން ވިލާއިން ވަނީ ދެ ގޯލް ކާމިޔާބުކޮށް ލިވަޕޫލްގެ މައްޗަށް ކުރި ހޯދާފައެވެ. އޭރިއާތެރެއިން ޔޫރީ ޓިއެލެމަންސް ނަގައިދިން ބޯޅަ ގޯލާ އަމާޒުވެ ވިލާއިން ނަތިޖާ އެއްވަރުކުރީ 38ވަނަ މިނިޓްގައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވިލާއަށް އޮލީ ވަޓްކިންސް ޖަހައިދިން ގޯލާއެކު ހާފު ނިންމާލީ 2-1 ން ކުރީގައި އޮވެއެވެ.
ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދިނީ ޓްރެންޓް އަލެކްސަންޑަރ އާނޯލްޑް އެވެ. 61 ވަނަ މިނިޓްގައި އާނޯލްޑް ގޯލް ކާމިޔާބުކުރީ ސަލާޙް ތަނަވަސްކޮށްދިން ފުރުޞަތުގައެވެ.
ލިވަޕޫލް އަށް ތިން ޕޮއިންޓް ހޯދައިދޭން ނޫނޭޒް އަށް ރަނގަޅު ފުރުޞަތެއް ލިބި ބޭކާރުވިއެވެ.
ރިއެކްޝަންސް






